އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބޭ ފަދަކަމެއް އައިޝާ ނުކުރާނެ: ގާސިމް

އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބޭ ފަދަކަމެއް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ނުކުރައްވާނެ ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އެޕާޓީން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތަށް ފަރުވާ ކުޑަވެގެން މިނިސްޓަރު އައިޝަތު ނަހުލާ ދެއްކެވި ވާހަކަތައް އާންމުކޮށް ބަދުނާމު ކުރަން އުޅުނު މީހުންނަށް އެކަން ކާމިޔާބު ނުވެ އަތަށް ގޮވާފައިވާކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އެ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކެއް މުވައްޒަފުން ރިކޯޑުކޮށް އާންމުކޮށްފައިވާ ވާހަކައަކީ އާންމުންގެ ސަާލުކަން އެކަމަކަށް އެންމެ ބޮޑަށް ހުއްޓިފައިވާ އެއްކަންތަކެވެ. މިނިސްޓަރ ނަހުލާގެ އޯޑިއޯގައި އެކަމަނާ ދައްކަވާފައި ވަނީ، އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފަރުވާ ކުޑަ ކަމާއި ކުރާ މަސައްކަތުގައި ފެންވަރެއް ނެތް ވާހަކައެކެވެ. އަދި އެވާހަކަ ދެއްކެވި އިރު، މިނިސްޓަރގެ ވާހަކަގައި ހަރުކަށިކަމެއް ހުރުމުން އެކަން ކުށްވެރިކޮށް އެ ވުޒާރާގެ މުވައްޒަފުން އާންމުކުރި އޯޑިއޯއަށް ގިނަ ބައެެއްގެ ތައުރީފް މިހާރުވަނީ ލިބިފައެފެވެ.
މިކަމަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ނަހުލާ ބަދުނާމު ކުރުމަށް އޯޑިއޯ ނެރުމުން ރައްޔިތުންގެ ލޯތްބާއި ތައުރީފު ލިބުނީ ނަހުލާއަށް ކަމަށެވެ. ްައަދި ވިދާޅުވީ ރަނގަޅަށް މަސައްކަތް ކުރާ މީހަކަށް ދިމާކުރުންތައް ވެސް އަންނާނެ ކަމަށެވެ.
"ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަންގެ ވާހަކައަކީ ވެސް ކޮންމެ ދޭދޭ މީހަކު ވެސް ދައްކާ ވާހަކައެއް. ހަމަ ގައިމުވެސް އަޅުގަނޑުގެ އަނބި އައިޝާއެއް ނޫން އެކަން އެ ކުރައްވަނީއެއް. އަދި މީހަކަށް އަނިޔާއެއް ދޭން އެއްވެސް ކަމެއް ނުކުރައްވާނެކަން އަޅުގަނޑަށް ކަށަވަރު" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ބައެއް މީހުންގެ ވިސްނުމުގައި ސިވިލް ސާވިސް މުވައްޒަފަކަށް ވީމަ ވަޒީފައިން ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނާ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުން ވަޒީފާއިން ވަކި ކުރެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މަސައްކަތުގައި ފަރުވާކުޑަ ކުރާނަމަ އަދި އެމީހުންނަށް ހެދިފައި ހުރި ގާނޫނާ ގަވައިދުތަކުގެ އިމުން ބޭރުވާނަމަ ވަޒީފާއިން ދުރުކުރެވޭނެ ކަމަށެވެ.
މިނިސްޓަރ ނަހުލާގެ އޯޑިއޯގައި، މުވައްޒަފުން ވަޒީފާގައި ހުންނަން ޖެހޭ ވަގުތުތަކުގައ ބޭރުގައި އުޅުމާއި ބޭނުން އިރަކު އައިސް ތިބުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެކަންކަމާއި މެދު އާންމުންގެ ކަންބޮޑުވުން ހުރި މިންވަރު ހާމަކޮށްފައިވެއެވެ. އެގޮތުން ވަޒީފާގެ ވަގުތުގައި ބޭރުގައި ތިބެ އާންމުންނަށް ޚިދުމަތް ދިނުން ލަސްވަމުންދާކަންވެސް ފާހަގަކޮށް އެކަމާއި މެދު މިނިސްޓަރ ފިޔަވަޅު އެޅުމަށް ވެސް ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ގަޑި ޖެހޭ ކަމަށް ބުނެ އެމީހުން ވަޒީފާއިން ވަކި ކުރަން މިނިސްޓަރު ނިންމަވާފައިވާ ކަމަށް ވިދާޅުވާ މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން މުވައްޒަފުންތަކެއް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި މައްސަލާގައި ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ ގަޑި ޖެހޭ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް އިންޒާރު ދީފައިނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ