އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން މިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ޖޭޕީއަށް ސޮއިކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކުރަންޖެހެނީ ހަމައެކަނި ސިޔާސީ މަސައްކަތް ނޫން ކަމަށާއި އިޖުތިމާއީ، އިގުތިސާދީ ކަންކަން ވެސް ކުރަންޖެހޭ ކަމަށެވެ. ޕާޓީތައް އުފައްދަނީ ގައުމެއް ކުރިއަށް ގެންދިއުމަށް ވާދަވެރި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ. އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށާއި 2008 ގައި ވުޖޫދުވި ފެހި ގާނޫނުއަސާސީއާއެކު، ރައްޔިތުންގެ ޚިޔާލާތާއި ފިކުރަށް ތަނަވަސްކަން އައިސް، މިނިވަންކަން ލިބިގެންގޮސްފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޕާޓީ ސިސްޓަމް އުފެދިގެންއައި ފަހުން ގައުމަށް އެކި ސިފަސިފައިގައި ވަނީ ކުރިއެރުން ލިބިފައި ކަމަށެވެ. ގައުމު ދަނީ ކުރިއަށް ކަމަށާއި ތައުލީމީ ހާލަތާއި، ސިއްހީ ހާލަތާއި، އިދާރީގޮތުންނާއި، ރައްޔިތުންގެ ތަނަވަސްކަމުގެ ގޮތުންވެސް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިއާއެކުއެކީގައި ނޭދެވޭ ކަންކަން ވެސް ފެންނަމުންދާ ކަމާއި، އިސްލާމްދީނާއި ކީރިތި ޤުރްއާނާއި ރަސޫލާއަށް ޖޯކުޖެހި މައްސަލަ ސޯޝަލް މީޑިއާގައި ގުގުމާފައިވާކަން ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސަކަށް އިންނެވި ގާސިމް ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުގައި އެފަދަ ކަންތައް ކުރާ މީހުންނަށް އެއްވެސް ފުރުސަތެއް ދެވިފައި ނެތްކަން ވަރަށް ސާފު ކަމަށެވެ. އެފަދަ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮތް އެތައް މުއައްސަސާއެއް އެބައޮތް ކަމަށާއި ސަރުކާރުގެ ތެރެއިން އެކަންކަން ބަލަމުންދާކަން އެއްވެސް ރައްޔިތަކަށް އޮޅިފައި ނޯންނާނެ ކަމަށެވެ.
"އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާށޭ. މިގައުމުން އިސްލާމްދީން ފޮހެއެއް ނުލެވޭނެ އެކަކަށް ވެސް. ކީރިތި ޤުރްއާނަށް މަލާމާތްކޮށް، ޖޯކުޖަހައި ނެހެދޭނެ އެކަކަށްވެސް. ކީރިތި ރަސޫލާއަށް މަލާމާތްކޮށް އެގޮތަށް އެކަންކަން ކުރުމުގެ އެއްވެސް ޖާގައެއް ނެތް. އެމީހަކު ވާނީ ބޭކާރުވެ، ބޭޒާރުވެގެންގޮސް، ނިކަމެތިވެގެން ދާނީ އެމީހަކު" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެފަދަ މީހުންނާމެދު އަމަލުކުރަންވާ ގޮތް މުއައްސަސާތަކަށް އެގޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ވާޖިބު އަދާކުރައްވާނެކަން ޔަގީން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެއްވެސް މީހަކަށް ނުވަތަ ޖަމްއިއްޔާއަކަށް ވިޔަސް ދީނަށް ފުރައްސާރަކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކުކަން ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށެވެ. އެހެންކަމުން މިކަންކަމާ ގުޅުވައި ގައުމުގައި ފިތުނަފަސާދަ އުފެދި، ބައިބައިވާ ގޮތަށް އެއްވެސް ފަރާތަކުން ކަންކަން ނުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ގައުމުގައި ފިތުނަފަސާދަ އުފައްދަން ޖާގަ ނެތް ކަމަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ޒިންމާ އަދާކުރާނެ ކަމަށެވެ. ދިވެއްސަކަށް ވެވޭނެ ގޮތްވެސް ވަރަށް ސާފުކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ހިތަށްއަރާހާ ކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމަށެވެ. ގައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލައިގެން ނުވާނެ ކަމަށާއި އިސްލާމްދީނާއި ގާނޫނުއަސާސީއާއި ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ނަގާލަން ފުރުސަތު ދީގެން ނުވާނެ ކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވިއެވެ.
ދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ރައީސް ނުދެއްވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ