މަހާޒު އާއި ދިޔާނާގެ ތެރެއިން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުން މާދަމާގެ ޖަލްސާގައި

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް މަޖިލީހަށް ފޮނުއްވާފައި ވަނީ ދެ ނަންފުޅެކެވެ. އެއީ ގދ. މަޑެވެލި މޭނާ، އަލްއުސްތާޒު މަހާޒު އަލީ ޒާހިރު އާއި ކުރިން ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ ސ. ހުޅުދޫ ގޯރަންވިލާ އަލްއުސްތާޒާ  ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅެވެ.
މީގެތެރެއިން މަހާޒްގެ ނަންފުޅަކީ ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ރައީސް ސޯލިޙު ޖޭއެސްސީއަށް ފޮނުއްވި ނަންފުޅެކެވެ. ދިޔާނާގެ ނަންފުޅަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލެއްވުމަށް ޖޭއެސްސީން އާންމުކޮށް އިއުލާނު ކުރައްވުމުން އެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީން ރައީސަށް ލަފާ އެރުއްވި ނަންފުޅެކެވެ. ޖޭއެސްސީން ރައީސް ސޯލިޙަށް ފޮނުއްވީ މަހާޒު އާއި ދިޔާނާގެ ނަންފުޅެވެ. ނަމަވެސް ޖޭއެސްސީން އެ ދެ ނަންފުޅު ފޮނުވުމުގައި ވަކި ބޭފުޅަކަށް އިސްކަން ނުދެއްވާ ކަމަށް އޮތީ ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމެއް ހުސްވުމާއެކު އެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކަށް މާދަމާގެ ޖަލްސާގައި ގޮތެއް ނިންމާއިރު، ޖޭއެސްސީން މިހާރުވެސް ދަނީ ސުޕްރީމް ކޯޓުގެ ބަޔެއް ފަނޑިޔާރުންނާ ގުޅުންހުރި މައްސަލަތަކެއް ބަލަމުންނެވެ. އެ ކޯޓަށް ދާދިފަހުންވެސް އަންހެން ދެ ފަނޑިޔާރަކު ވަނީ ހަމަޖައްސަވާފައެވެ. ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަކީ ހަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ