ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީޕީއެމްގެ ޓިކެޓަށް އެދި ކުރީގެ އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް ކުރިމަތިލި އިރު ކާށިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓަށް އެދި ކުރީގެ ރައީސް މައުމޫނު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެދިވަޑައިގެންފި އެވެ.
އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ދެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީޕީއެމް ޓިކެޓަށް އެދުމުގެ ފުރުސަތު ޕީޕީއެމުން ވަނީ އާންމުކޮށް ހުޅުވާލުމުން ތިމަރަފުށީ ދައިރާއަށް ވާދަކުރަން ޕީޕީއެމް ޓިކެޓް ހޯދަން ޝަރީފް އެދިވަޑައިތީ މިދިޔަ ބުދަ ދުވަހެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ޓިކެޓް ހޯއްދެވުމަށް ވައްޑޭ އެދިވަޑައިގަތީ މިއަދު އެވެ.
ދެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީޕީއެމް ޓިކެޓަށް އެދުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ދެ ދާއިރާގައި ވާދަ ކުރަން އިތުރު ފަރާތްތައްކުން ޕީޕީއެމްގެ ޓިކެޓަށް އެދިއްޖެނަމަ ދެ ދާއިރާއިން ވެސް ޓިކެޓް ދޭނީ ޕްރައިމަރީއެއް ބާއްވައިގެނެވެ.
ކާށީދޫ ބައި އިލެކްޝަންގައި ޖުމްހޫރީ ޕާޓީން ވާދަ ކުރައްވަނީ އެޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރެވެ. އެމްޑީޕީ ޓިކެޓަށް އެދޭ ފަރާތްތައް ކުރިމަތިލާން ހުޅުވާލާފައިވާއިރު ޑީއާރްޕީ އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަށް ކުރިން ވެސް އެދާއިރާގެ ގޮނޑި ފުރުއްވެވި މުހައްމަދު މުސްތޮފާ އެދިވަޑައިގެންފައިވާއިރު ކުރިން ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވެވި އަދި އެމްޑީޕީގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވެވި އަހުމަދު ޝަފީގު ވެސް ވަނީ ޓިކެޓް ހޯއްދެވުމުގް ޕްރައިމަރީގައި ބައިވެރިވެވަޑައިގެންފަ އެވެ.
ތިމަރަފުށީ ދާއިރާގެ ޕީޕީއެމް ޓިކެޓަށް ޝަރީފް، ކާށިދޫ ދާއިރާގެ ޓިކެޓަށް ވައްޑޭ ވާދަކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ