އަފްރާޝީމް، ޔާމީން އަދި ރިލްވާން މައްސަލައިގެ ފަހަތުގައި ތިބި މީހުން ހޯދައިފި

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުއްޓާ މަރާލި ޑރ. އަފްރާޝީމް އަލީގެ މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
އެންމެ ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާ ތިން ހާދިސާގެ ތަޙްޤީޤުގައި އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް ހޯދިފައިވާކަން ސުއޫދު ހާމަކުރެއްވީ "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ސުއޫދު ވިދާޅުވީ، އެ ތިން ހާދިސާ ހިންގި ސަބަބު ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މިއީ މިހާތަނަށް ފުލުހުންނަށް ވެސް ހޯދިފައި ނެތް ކަމެއް ކަމަށާއި މިއީ ރިޔާސީ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް ސުއޫދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެ ތިން މަރުގެ ވެސް މޯޓިވް މި އޮތީ ހޯދިފައި،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ މޯޓިވް ދެނެގަތުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ކުރި މަސައްކަތުން، އަޅުގަނޑުމެން ހޯދި ހޯދުންތަކަށް ބަލާއިރު މޯޓިވް (އެކަން ކުރި ސަބަބު) އާއި ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ވަނީ ހޯދިފައި،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް މިހާރު ލަސްވެގެން މިދަނީ އެކޮމިޝަނަށް ޤާނޫނީ ބާރު ލިބިފައި ނެތުމުންނެވެ. އާދައިގެ ރިޕޯޓެއް ނެރެލުން ފިޔަވައި އިތުރު ކަމެއް ކުރުމުގެ ބާރު މިހާރު ކޮމިޝަނަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުމުން އެބިލް އޮތީ މަޖިލީހުގައި ހުއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ