ބީއޭސީގެ އެސްޖީއަކަށް މޫސާ ނާޝިދު އިންތިހާބުކޮށްފި

އޭޝިޔާގެ ބެޑްމިންޓަންގެ މައި އިދާރާ (ބީއޭސީ)ގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުކޮށްފިއެވެ.
ކުރިން ގައުމީ ޓީމަށް ކުޅުއްވި މޫސަ ބީއޭސީގެ ސެކެރެޓަރީ ޖެނެރަލަކަށް އިންތިހާބު ކުރީ ޗަނާގައި ކުރިއަށްދިޔަ ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. މޫސަގެ މި މަގާމުގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށްވާއިރު، މިއީ ރާއްޖޭގެ މެންބަރަކު ބީއޭސީގެ އިސްމަގާމަކަށް އިންތިހާބުވި ފުރަތަމަ ފަހަރު ވެސް މެއެވެ.
ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލުގެ މެމްބަރެއްގެ މަގާމް ވެސް ފުރުއްވަމުން އަނަ މޫސަ ބީއޭސީގެ މަގާމަށް އިންތިހާބުވެފައިވަނީ ހޮންކޮންގެ ޓޮން ވައި ލިންއާއި ވާދަކޮށެވެ. މި އިންތިހާބުގައި އޭޝިޔާގެ 40 ގައުމަކުން ވޯޓްލީއިރު، މޫސައަށް ލިބިފަިއ ވަނީ 27 ވޯޓެވެ. އަދި މޫސައާއި ވާދަކުރި ހޮންކޮންގެ ޓޮން ވައި ލިންއަށް ލިބުނީ 13 ވޯޓެވެ. ބީއޭސީގެ ރައީސަކަށް އިންތިހާބުވީ އިންޑޮނޭޝިޔާގެ އެންޑޮން ސުބޮވޯއެވެ. ހަޒާންދާރަކަށް ހޮވިފައިވަނީ ލެބަނަންގެ ޖަސީމް ކަންސޯއެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ކަމާ މޫސަ ހަވާލުވުމަށްފަހު އޭނަ އަންނަނީ ރާއްޖޭގައި ބެޑްމިންޓަން ދިރުވާ އާލާކުރުމަށް ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ.
މިހާރުވެސް ބެޑްމިންޓަން އޭޝިޔާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަންގެ މަގާމް ވެސް އަދާކުރަމުންއަންނަ މޫސައަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ބެޑްމިންޓަން ކުޅުންތެރިޔާ އެވެ.
މޫސަ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެފައިވަނީ 2016 އަހަރުގެ މެއި މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ