ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ރޯދަ މަހު ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެއްސި އިހްޔާ ޖަލްސާ ކެންސަލް ކުރީ އެއްވެސް ފަރާތަކުން އަންގައިގެން ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
އެމަނިކުފަނު މިހެން ވިދާޅުވިއިރު މިދިޔަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެއްސި އިހްޔާ ޖަލްސާ ކެންސަލްކުރީ ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ ސަލާމަތީ ބާރުތަކުން އަންގައިގެން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އަދި އެރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާ ނުބޭއްވީ އެއްވެސް ފަރާތަކުން އަންގައިގެން ނޫން ކަމަށާ އެމަނިކުފާނަށް ދަތިފުޅުވެގެން ކަމަށެވެ.
އިހްޔާ ޖަލްސާ މިމަހުގެ 29ވާ ބުދަ ދުވަހުގެ ރޭ އޮންނާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އިހްޔާ ޕްރޮގްރާމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު އަރުވާ ކަަމަށްވެސް މައުމޫންގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ ސަލާމަތީ ހިދުމަތްދޭ މުއައްސަސާތައް އެލާޓަށް ގެނެސްފައިވާ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭފަދަ ވާހަކަ ނުފެތުރުމަށްވެސް އެމްމެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މާލޭގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދިޔައީ އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ ތަމްރީންތަކެއްގައި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އަދި މިއަދު ވަނީ އެތަމްރީނުތައް ނިންމާލަފަ އެވެ.
އިހްޔާ ޖަލްސާ ނުބޭއްވީ އެއްވެސް ފަރާތަކުން އަންގައިގެނެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ