ރަމަޟާން މަހާއި ދިމާކޮށް، ޕްރައިމަރީ ސްކޫލް ދަރިވަރުން ބުރުގާ އެޅުން އޮސްޓްރިއާގައި މަނާކޮށްފި

ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ބުރުގާ އެޅުން މަނާކުރާ ގާނޫނެއް އޮސްޓްރިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
މި ގާނޫނު، މަޖިލީހަށް ހުށައަޅާ، މިކަމަށް ތާއީދުކޮށްފައިވަނީ އެ ގައުމުގެ ވެރިކަންކުރާ ޕީޕަލްސް ޕާޓީއާއި، އެ ޕާޓީއަށް ވާގިވެރިވާ ފްރީޑަމް ޕާޓީއިންނެވެ. ސަރުކާރާއި ދެކޮޅު ހުރިހާ ޕާޓީއަކުންވަނީ މި ބިލާއި ދެކޮޅު ހަދާފައެވެ.
މިއީ މުސްލިމުންނަށް އަމާޒުކޮށްފައިވާ ގާނޫނެއްގެ ސިފަ ނުޖެއްސުމަށް، މި ގާނޫނުގެ މުޞައްނިފުން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން، މި ގާނޫނުގެ ބަސްމަގު ބޭނުންކޮށްފައިވަނީ އެއްވެސް ދީނެއްގެ ބަޔަކަށް އަމާޒު ނުވާ ގޮތަށެވެ.
މި ގާނޫނުގައި ބުނެފައިވަނީ "އެއްވެސް ދީނެއްގެ ނުވަތަ ގަބޫލު ކުރުމަކާއި ގުޅުވައިގެން ބޯ ފޮރުވުން" މަނާކުރާ ކަމަށެވެ.
ނަމަވެސް، މިއީ ކަނޑައެޅިގެން މުސްލިމުންނަށް އަމާޒުކޮށްފައިވާ ގާނޫނެއްކަން، ސަރުކާރުގެ އަމަލުތަކުން ހާމަވެގެން ދިޔަައެވެ. ސަބަބަކީ، "ސިކުން" ނުވަތަ ސިކުދީނަށް އުޅޭ ފިރިހެނުން ބޮލުގައި އަޅާ "ޕަތްކާ" ގެ ނަން ދީފައިވާ ފޮތިގަނޑަކީ ހުއްދަ އެއްޗެއްގެ ގޮތުގައި ބަލައިގަތުމެވެ. އަދި، ޔަހޫދީން ބޮލުގައި އަޅާ "ޔަރްމުލްކް" ގެ ނަން ދީފައިވާ ތާކިހާއަކީވެސް ހުއްދަ އެއްޗެއް ކަމަށް ބުނުމެވެ.
މިތަކެތިނޫން، ބޮލާއި އިސްތަށިގަނޑު ފޮރުވަން ބޭނުންކުރާ ހުރިހާ ބާވަތެއްގެ އެއްޗެއް، ޕްރިމަރީ ސްކޫލްގެ ދަރިވަރުން ބޭނުން ކުރުމަކީ މިހާރު މަނާކަމެވެ.
"ޕްރިމަރީ ސްކޫގެ ދަރިވަރުން ބުރުގާ އަޅަނީ މަޖުބޫރުވެގެން ކަމަށް މި ޕާޓީއަށް ގަބޫލް ކުރެވޭތީ މިފަދަ ބިލެއް ހުށައެޅީ،" ވެރިކަންކުރާ ޕީޕަލްސް ޕާޓީގެ މެމްބަރެއް ކަމަށްވާ ރުޑޮލްފް ޓެޝްނަރ އެވެ. ނަމަވެސް، މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ގާނޫނެއް ނޫން ކަމަށް، އޮސްޓްރިއާގެ މުސްލިމް ޖަމާއަތްތަކާއި، ސަރުކާރާއި ދެކޮޅު ސިޔާސީ ޕާޓީތަކުންވަނީ ބުނެފައެވެ.
އޮސްޓްރިއާގެ މުސްލިމް ޖަމާއަތް ކަމަށްވާ އައިޖީޖީއޯއިންވަނީ މި ގާނޫނު ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި، ޚާއްސަކޮށްގެން މުސްލިމުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.
އޮސްޓްރިއާގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ފަރާތުން ވާހަކަދެއްކި ސޯނިއާ ހެމަޝްމިތްވެސްވަނީ މިއީ ދަރިވަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ