ދޮޅު ލައްކަ ޑޮލަރު ދައްކަން މެމްބަރު ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

އިންޑިޔާގެ ރައްޔިތަކަށް 150،000 ޑޮލަރު ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން ހުކުމުގައި ބުނެފައިވާ ގޮތުން މެމްބަރު ނަޝީދު ފައިސާ ދައްކަވަން ޖެހިވަޑައިގެންފައިވަނީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންހް އަށެވެ.
ޑރ.އަލަކާ ސިންހް މި ދައުވާ މެމްބަރު ނަޝީދުގެ މައްޗަށް ކޮށްފައިވަނީ އޭނާ އިންވެސްޓްކޮށްފައިވާ "ބަރުތީލަ" ނަމަކަށް ކިޔާ ކަނޑު އުޅަނދެއް އަލަކާ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި މެމްބަރު ނަޝީދު ބޭނުންވި ފަރާތަކަށް ވިއްކާލާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އަލަކީ ކުރި ދައުވާގައި ބުނީ އެ އުޅަނދު ވިއްކާލުމަށް ނިންމާފައި އޮތ ހަތަރު ލައްކަ ޑޮލަރަށް ކަމަށްވީ ނަމަވެސް އުޅަނދު ވިއްކާލީ 250،000 ޑޮލަރަށް ކަމަށެވެ. އެހެންކަމުން ގެއްލުންވި 150،000 ޑޮލަރަކީ އޭނާއަށް ލިބެންޖެހޭ އެއްޗެއް ކަމަށާއި އެ ފައިސާ ދެއްކުމަށް ނަޝީދު އެއްބަސްވެފައިވާ ކަމަށް އަލަކާ ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ.
ނަމަވެސް މެމްބަރު ނަޝީދު ވަނީ އަލަކާގެ ވާހަކަތަކަށް އިންކާރު ކުރައްވާފައެވެ.
މިމައްސަލާގައި ސިވިލް ކޯޓުގެ ކުރި ހުކުމްގައި ބުނެފައިވަނީ އެ އުޅަނދު ވިއްކާލަން އެއްބަސްވީ އަސްލު އަދަދުން މަދުވާ ފައިސާ ނަޝީދު ދައްކަވާ ގޮތަށް ކަން ނަޝީދު ފޮނުއްވާފައިވާ އީމެއިލް އަކުން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން މިފައިސާ މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ވަނީ މެމްބަރު ނަޝީދުގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ