ޖޭއެސްސީއަށް މެމްބަރު ފާރިސް އާއި ރަޝީދުގެ ނަން ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ނަން ހުށަހަޅުއްވައިފިއެވެ. ޖޭއެސްސީގައި ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ މަގާމަށް، މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވާފައިވާ ނަމަކީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނެވެ. އެ ހުށަހެޅުއްވުމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވަނީ ތާއީދު ކުރައްވާފައެވެ. އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހަޅުއްވާފައިވާ ނަމަކީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުގެ ނަމެވެ. މެމްބަރު ފަލާހުގެ ހުށަހެޅުއްވުމަށް، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ ތާއީދު ކުރައްވާފައެވެ. ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަ މަޖިލީހުގެ މެމްބަރުގެ މަޤާމް ހުސްވެފައިވަނީ އެ މަޤާމުގައި މީގެކުރިން ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ވަކި ކުރެއްވުމާއި ގުޅިގެނެވެ. ޖޭއެސްސީން ރިޒާ ވަކި ކުރުމަށް ނެގި ވޯޓުގައި، އޭނާ އާއި ދެކޮޅަށް 42 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަކި ކުރަން ނުފެންނަ ކަމަށް 24 މެމްބަރުން ވަނީ ވޯޓު ދެއްވާފައިވެއެވެ. މެމްބަރު ރިޒާ ވަކިކުރެއްވުމަށް، ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ހުށަހަޅުއްވާފައިވާ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން ރިޒާ ވިދާޅުވީ، ޖޭއެސްސީން އޭނާ ވަކި ކުރަން ބޭނުންވަނީ އެމްޑީޕީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ