އެއްވެސް މައުލޫމާތެއް ހިއްސާކުރި ނަމަ ސަރީރާގެ އިންޓަގްރިޓީ ގެއްލުނީސް: އުމަރު ނަސީރު

ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ރައީސާ ކަމުގެ މަގާމުގައި ހުންނަވައިގެން، ވަޒީފާގެ ހައިސިއްޔަތުން ލިބިވަޑައިގެންނެވި އެއްވެސް މައުލޫމާތެއް ފާތިމަތު ސަރީރާ އަލީ ޝަރީފު އެހެން ފަރާތަކަށް ހިއްސާކުރެއްވި ނަމަ އޭނާގެ އިންޓަގްރިޓީ ގެއްލުނީސް ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެެއްޖެ އެވެ.
އުމަރު ނަސީރު ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އެފަދަ އެއްވެސް މައުލޫމާތެއް އެ ގޮތަށް ހިއްސާ ކުރުމަކީ ގާނޫނުގެ ދަށުން ވަރަށް ހަރުކަށިކޮށް މަނާކޮށްފައިވާ ކަމެއް ކަމަށެވެ. އަމުދުން ޕީއައިސީ ފަދަ ސެންސިޓިވް މައުލޫމާތު ހުންނަ ތަންތަނުގައި ތިއްބަވަން ޖެހެނީ އެތަނަށް ލިބޭ މައުލޫމާތު ކޮންމެ ފަދަ ހާލަތެއް މެދުވެރިވިޔަސް ލީކު ނުކުރާ ނުވަތަ ސިއްރު ހިފެހެއްޓޭނެ ބޭފުޅުން ކަމަށް އުމަރު ވިދާޅުވި އެވެ.
ޕީއައިސީގެ ރައީސާ ކަމުގެ މަގާމުގައި ހުންނެވި އިރު، ރިލްވާންގެ މައްސަލައާ ގުޅޭ ބައެއް މައުލޫމާތު ހިމެނޭ ރިޕޯޓެއް ދޭން އެ އާއިލާއިން އެދުމުން އެކަން ކުރައްވާފައި ނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރީރާގެ އިންޓްގްރިޓީއާ މެދު ސުވާލު އުފައްދަމުންނެވެ. ސަރީރާގެ އިންޓަގްރިޓީއާ މެދު ސުވާލު އުފައްދަން ފަށާފައި މި ވަނީ، ދާދި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ މެމްބަރުންގެ ތެރޭގައި ސަރީރާ ހިމެނިވަޑައިގަތުމާ ގުޅިގެންނެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު އިއްޔެ ވިދާޅުވީ ސަރީރާ އަކީ އޭނާގެ މަސައްކަތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ޕްރޮފެޝަނަލްކޮށް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުމެން މި އެދެނީ ކޮން ކަމެއްތޯ؟ މަނާކަންކަން ނުކުރީމަ ވެސް މި ވަނީ ގޯސް ދެއްތޯ؟ ސަރީރާ އަކަށް އެކަމުގެ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާއެއް ނުކުރެވޭނެ. ކުރެއްވި ނަމަ އެވާނީ ގާނޫނީ ބޮޑު ކުށަކަށް. އަދި އެހާ ހިސާބުން އެބޭފުޅާގެ އިންޓަގްރިޓީ ގެއްލުނީ." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ ޕީއައިސީ އިން ރިލްވާންގެ މައްސަލަ ތަހުގީގުކޮށްފައި ނުވާނެ ކަމަށާއި އެއީ ޕީއައިސީގެ މެންޑޭޓާ ވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ވާ ނަމަ އެކަމެއް ޕީއައިސީއަށް ބެލިދާނެ ކަމަށެވެ.
"ޕީއައިސީ މި ހިންގަނީ ފުލުހުންގެ ގާނޫނުގެ ދަށުން. އެމީހުންގެ މެއިންޑޭޓަކީ ފުލުހުންގެ އިހުމާލު ނޫނީ އިންޓެގްރިޓީއާ ގުޅޭ ކަންކަން ބެލުން. އެ ގޮތަށް ބަލާފަވެސް ފިޔަވަޅެއް ނޭޅޭނެ. ރިޕޯޓު ކުރާނީ ހޯމް މިނިސްޓަރަށް. އޭރު އެމަގާމުގައި ހުރީ އަޅުގަނޑު. އެހެންވީމަ އެބޭފުޅާ މަސައްކަތްކުރެއްވި ގޮތް އަޅުގަނޑަށް އިނގޭ." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ފުލުހުންނަށް ލިބުނު މައުލޫމާތު ގަވައިދުން އާއިލާއާ ހިއްސާކުރައްވަމުން ގެންދެވި ކަމަށާއި އެ ގޮތުން އޭނާ ވަޒީރު ކަމުގައި ހުންނެވި އިރު ހަފުތާއަކު އެއްދުވަހު އޭނާގެ އޮފީހުގައި ރިލްވާންގެ އާއިލާއާ ވެސް ބައްދަލުކުރައްވަމުން ގެންދެވި ކަމަށެވެ. ރިލްވާންގެ އާއިލާއިން އެދިވަޑައިގެން ބައްދަލުކުރަން ފުރުސަތު ނުލިބުނު އެންމެ ފަހަރެއްވެސް ނޯންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ