ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމްގެ އަތުން ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ނަންގަވާފައިވާ 2.55 މިލިޔަން ރުފިޔާގެ ތެރެއިން ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ދައްކަވަން ޖެހޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމް މާދަމާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ތަސްމީންގެ ވަކީލް ޝަހީމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ތަސްމީނުގެ ވަކީލު ވިދާޅުވީ ހައިކޯޓުން އެ މައްސަލަ ނިންމާފައި އޮތްގޮތުން ހިތްހަމަނުޖެހޭ ނުކުތާއެއް އެބައޮތް ކަމަށާއި އެހެންކަމުން މާދަމާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ޝަޙީމް ވިދާޅުވީ ހައިކޯޓުން މައްސަލައެއް ނިންމާތާ 90 ދުވަސް ހަމަވުމުގެ ކުރިން އެ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ކޮންމެ މީހަކަށް ވެސް ގާނޫނީ ގޮތުން ލިބިފައިވާ ކަމަށްށެވެ. އަދި ހައިކޯޓުން މައްސަލަ ނިންމިތާ އަދި 90 ދުވަސް ހަމަނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ތަސްމީނު އަލީގެ ބޭންކް އެކައުންޓާއި ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެފައިވާނެ ކަމަށް ސިވިލް ކޯޓުން ބުނި ނަމަވެސް ޕާސްޕޯޓު ހިފެހެއްޓިކަމެއް ވަކީލަށް ވެސް އަދި ތަސްމީނަށް ވެސް ކޯޓުން އަންގާފައި ނުވާ ކަމަށް ޝަހީމް މިއަދު ވިދާޅުވި އެވެ.
ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޝަޙީމް ވިދާޅުވީ ގާޒީ ވިދާޅުވެފައިވަނީ އެކަމުގައި އުސޫލު އޮންނަ ގޮތް ކަމަށެވެ. އެގޮތުން ޕާސްޕޯޓާއި ބޭންކް އެކައުންޓް ފްރީޒް ކުރުމުގެ ބާރު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އެޅި ކަމަށް ގާޒީ ވިދާޅުވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ
"އެހެންވީމާ އަޅުގަނޑު ދަންނަވާނީ އެއީ އަރާފައި އޮތް އޮޅުމެކޭ، ގާޒީ ވިދާޅުވެފައި ވަނީ ފިޔަވަޅު އަޅާނެ ކަމަށް. ނަމަވެސް އެއްވެސް ފިޔަވަޅެއް އެޅި ކަމަކަށެއް ހަމަގައިމު ވެސް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނު،" ޝަހީމް ވިދާޅުވި އެވެ.
ނަމަވެސް ސިވިލް ކޯޓުން ތަސްމީންގެ ބޭންކް އެކައުންޓަކާއި ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރުނުކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޝަޙީމް ވިދާޅުވީ ތަސްމީން އުޅުއްވަނީ ފައިސާ ނުދައްކަވަން ނޫން ކަމަށާއި ސުޕްރީމް ކޯޓު މަރުހަލާ ނިމުމުން ތަސްމީން އެފައިސާ ދައްކަވާނެ ކަމަށެވެ.
ހައިކޯޓުން ކުރި ހުކުމް މާދަމާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނަން - ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ