ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް އަނެއްކާވެސް ބާއްވަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ގައުމީ ޔުނިވާސިޓީ އާއި އެމްބީސީ ގުޅިގެން ބާއްވާ ބަހުސް މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
އެމްބީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ބަހުސް ކުރިޔަށް ގެންދަން ވާންޖެހޭ ތައްޔާރީތައްވެ، އެކަމުގެ އިންތިޒާމްތައް ހަމަޖައްސާ، ކެންޑިޑޭޓުންގެ މަންދޫބުންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މި ފަހަރުގެ ބަހުސްގައި ކަނޑައެޅޭ ދާއިރާތަކަކުން ކެންޑިޑޭޓުންގެ ސިޔާސަތުތައް ބަޔާން ކުރަން ފުރުސަތު ދޭނެ ކަމަށާއި، ފުރަތަމަ ބުރުގެ ބަހުސްއާއި ހިލާފަށް މިފަހަރު އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސަތައް ފާޑުވިދާޅުވެ، ރައްދު ދެއްވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އިލެކްޝަންސްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ 24 ޕަސަންޓެވެ. ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދަށް ލިބިވަޑައިގަތީ 10،750 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ ފަސް ޕަސަންޓެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންނެވީ 53،099 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ 25 ޕަސަންޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 95،226 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ 45 ޕަސަންޓެވެ.
ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓު ވޯޓު ލިބިފައިނުވާތީ ދެވަނަ ބުރަކަށް ވަނީ ގޮސްފައެވެ. ދެވަނަ ބުރުގައި ވާދަކުރާނީ ރައީސް ނަޝީދާއި ޔާމީން އެވެ. ދެވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 28 ގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ