ހުޅުމާލެ ފެރީން ސްކޫލް ކުދިންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ހުޅުމާލެ އާއި މާލެއާ ދެމެދު ސްކޫލް ޔުނީފޯމުގައި ދަތުރު ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދުގައި ދުއްވާ ފެރީތަކުގައި ސްކޫލް ޔުނީފޯމްގައި ތިބެގެން ދަތުރު ކުރާ ކޮންމެ ދަރިވަރަކަށް ވެސް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ރައީސް އަބްދުﷲ ޔާމީން މިހާރު ވަނީ އެ ހިދުމަތް ދޭ އެމްޓީސީސީގައި އެދިފައި ކަމަށެވެ. މުއާޒު ވިދާޅުވީ އެގޮތަށް ހަމަޖައްސަން ރައީސް ނިންމެވީ ކިޔަވާ ކުދިންނަށް ވީހާ ވެސް ފަސޭހަ ގޮތެއްގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ސްކޫލް ކުދިންނަކީ ވެސް މާލޭގެ ސްކޫލްތަކަށް ކިޔަވަން އަންނަން ޖެހޭ ކުދިންނަށް ވާތީ އެކަމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ވެސް ރައީސްގެ ބޭނުމެއް ކަމަށް މުއާޒު ވިދާޅުވި އެވެ. "ރައީސްގެ ކެމްޕޭން ތެރޭގައި ހުޅުމާލޭގެ ރައްޔިތުން އެންމެ ބޮޑަށް ކުރެއްވި އެއް ޝަކުވާއަކީ މިއީ. އެއީ ސްކޫލް ކުދިން އެހާ ގިނައިން ދަތުރު ކުރަން ޖެހޭ އިރު އެ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ނެތުން. އެ މީހުންނަށް ކުރިމަތިވެފައި އޮތް ބޮޑު ތަކުލީފަކުން ސަލާމަތް ކޮށްދިނުމަށް ރައީސް މި ފިޔަވަޅު އެޅުއްވީ،" މުއާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ