އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްތަކުގައި ސޮއިކުރަން އެއްބަސްވީ އޭގައި ހުރި ހުރިހާ މައުލޫމާތުތަކަކީ ރަނގަޅު މައުލޫމާތުތަކެއް ނިންމާފައި ނޫން ކަމަށާއި ލިސްޓުތަކުގައި ސޮއިކުރަން ނިންމާ ދޫކޮށްލީ މިގައުމަށް ނިކަމެތިކަމެއް ދޭން ބޭނުންނުވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު އިރުއޮއްސެނިކޮށް މ.ކުނޫޒުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ މާދަމާ ތެޔޮ ނުވަތަ ކާބޯތަކެތި ނުލިބިއްޖެއްޔާ ވާނެ ގޮތް ވިސްނާލަން ޖެހޭ ކަމަށާއި އެހެންވެ ޖުމްހޫރީ ގުޅުމުން މިގައުމަށް އެއްވެސް ނިކަމެތި ކަމެއްވާން ބޭނުންނުވާ ކަމަށެވެ.
"ދޫކޮށްލީއޭ މިދެންނެވީ، އިލެކްޝަން ނުބޭއްވޭ އެއްވެސް ކަހަލަ ސަބަބެއް މެދުވެރިކުރާކަށް ބޭނުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައި ވަނިކޮށް ލިސްޓުތަކުގައި ޖުމްހޫރީ ޕާޓީން ސޮއިކުރަން ދިއުމުން ލިސްޓު އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިނުވާ ކަމަށާއި ލިސްޓުގައި ސޮއިނުކުރީ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް އަބަދު އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ.
"އެއްގޮތަކަށް ވެސް ތައްޔާރުވެގެން ނޫން އެބޭފުޅުން (އިލެކްޝަންސް ކޮމިޝަނުން) ތިއްބެވީކީ، އަޅުގަނޑުމެން މެންދަމު ދޭއް ޖެހިއިރު ވެސް ހަތަރެއް ޖެހިއިރުވެސް ބެލިއިރު ލިސްޓެއް ޕްރިންޓުކޮށް ނުނިމޭ، 470 ލިސްޓުގައި ކިހިނެއްތޯ ސޮއިކުރަނީ؟ ހެނދުނު 7:30 ގައި ވޯޓުލާން ފަށާއިރު ކިހިނެއްތޯ ވޯޓުލަނީ؟ އަދި ވޯޓު ފޮއްޓާއި ލިސްޓާއި ހުރީ މިތާންގައި (އިލެކްޝަންސް ކޮމިޝަނުގައި)" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ނުން ކަމަށެވެ.
ރިޔާސީ އިންތިހާބަށް ހުރަސް އަޅަން ޖުމްހޫރީ ގުޅުމުން މަސައްކަތް ނުކުރާނެ ކަމަށާއި ވޯޓްލުމުގެ ހައްގުން ރައްޔިތުން މަހުރޫމް ނުކުރާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެން އަނެއްކާވެސް ކޯޓަށް ވަޑައިގަންނަވާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެ ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވާނީ އެހިސާބަށް ދިއުމުން ކަމަށެވެ.
ގާސިމް ވަނީ އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ވީހާވެސް ހެނދުނާ ނިކުމެ ވޯޓްލުމަށް އެދިވަޑައިގަންނަވާފައެވެ.
އަޅުގަނޑުމެން ދޫކޮށްލީ މިގައުމަށް ނިކަމެތިކަމެއް ދޭން ބޭނުންނުވާތީ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ