ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ޕީޕީއެމްއާ ދައުލަތުން ވެސް ނިކުމެއްޖެ

ރިޔާސީ އިންތިހާބު އަލުން ބާއްވަން އަމުރުކޮށްދިނުމަށް އެދި ޖުމްހޫރީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަދެ ދައުލަތުންނާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވެސް އިންތިހާބު ބާތިލްކުރުމަށް އަތުކުރި އޮޅާލައިފި އެވެ.
ޖުމްހޫރީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އުމުރު ބަދަލުކޮށްގެން 18 އަހަރު ފުރުނު ކަމަށް ހަދައި ވޯޓުލާ ލިސްޓުގައި ހިމަނާފައިވަނީ 39 ކުއްޖެއްގެ ނަން ކަމަށާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ހުރި ލިސްޓަށް ބަލާއިރު އެ ކުދިންނަސް 18 އަހަރު ނުފުރޭ ކަމަށެވެ.
މީގެއިތުރުން ދުނިޔެ އަށް އުފަންވިކަން ނޭނގޭ 1800 އަށް ވުރެ ގިނަ މީހުންގެ ނަންތައް ލިސްޓުގައި އޮތްކަމަށާއި މަރުވެފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ފާހަގަކުރާ 588 މީހުންގެ ނަން އޮތް ކަމަށެވެ.
އަދި 747 މީހެއްގެ ޖިންސް އިލެކްޝަންސް ކޮމިޝަނުގެ ލިސްޓުގައި ބަދަލުވެފައިވާ ކަމަށާއި، 1627 މީހެއްގެ ނަން ދިމާނުވުމުގެ އިތުރުން ގެއެއްގެ ރަޖިސްޓްރީގައި ނެތް 10،020 މީހުން ތިބިކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އައިޓީ ސިސްޓަމް ހެކްކޮށްފައިވާތީ އެކަން ބަލައި ރަނގަޅު ކުރުމަށް ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން އެދުމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް އިޖާބަދީފައިނުވާ ކަމަށާއި އަދި 4 ވޯޓު ފޮއްޓަކަށް ވޯޓުލާފައިވާ މީހުންގެ އަދަދާއި ޖިންސު ދިމާނުވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކާލާތު ކުރެއްވި ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު ވިދާޅުވީ އިންތިޚާބުގައި މައްސަލަތައް ހުރި ކަމަށް ހުރިހާ ކެންޑޭޓުން ވެސް އެއްބަސްވާ ކަމަށާއި އެގޮތުން ވޯޓުލުމަށް ބޭނުންކުރި ކަރުދާސްތަކުގައި ސަލާމަތީ ފިޔަވަޅު ވަރަށް ދަށް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ހަސަން ސައީދު ވަނީ މައްސަލަ ސާބިތުކުރުމަށް ބައެއް ލިޔުން ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައެވެ. އަދި ދެން އަންނަ އަޑުއެހުންތަކުގައި އިތުރު ހެކިތައް ހުށަހަޅާނެ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.
މިއަދު ސުޕްރީމް ކޯޓަށް ލިޔުމުން ހުށަހެޅި ބައެއް ހެކިތަކުގެ ތެރޭގައި މަރުވެފައިވާ ކަމަށް ވޯޓާސް ރެޖިސްޓްރޭޝަނުގައިވާ 669 މީހެއްގެ ނަން ހިމެނޭ ލިސްޓަކާއި، 18 އަހަރު ނުފެރޭ 41 ކުއްޖެއްގެ ނަން ހިމެނޭ ލިސްޓެއްގެ އިތުރުން އައިޑީކާޑު ނެތް 1818 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ހުށަހެޅި އެވެ.
މީގެ އިތުރުން 102 މީހެއްގެ ނަން އިލެކްޝަންސް ކޮމިޝަނުން ލިސްޓުގައި ތަކުރާރުވެފައިވާ ކަމަށާއި، 3750 މީހެއްގެ އުފަންދުވަސް އޮޅުވާލާފައިވުމުގެ އިތުރުން 14557 މީޙުންގެ ނަން އޮޅުވާލާފައިވާކަމަށް ހަސަން ސައީދު ފާހަގަކުރެއްވި އެވެ.
ހަސަން ސައީދު މިއަދު ވަނީ ހަތަރު ކަމަކަށް އެދިވަޑައިގެންފައެވެ. އިންތިހާބުގައި ވޯޓުލީ މީހުންގެ ލިސްޓު އިންތިހާބުގައި ވާދަކުރެއްވި ކޮންމެ ކެންޑިޑޭޓަކަށް ލިބޭނެ ގޮތް ހައްދައިވައި ދެއްވުމަށާއި، އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި ފުރަތަމަ ބުރުގެ ވޯޓް ބާތިލު ކޮށްދިނުމުގެ އިތުރުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަން ދެން އިންތިހާބުގެ ދެވަނަ ބުރުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އިލެކްޝަންސްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
މިއަދު ހަވީރު ބޭއްވި ފުރަތަމަ އަޑު އެހުމުގައި ޕީޕީއެމަށް ދިން ފުރުސަތުގައި އެ ޕާޓީގެ ވަކީލް އަހުމަދު ޒަނީން އާދަމް ވިދާޅުވީ އެ ފަރާތުން ވެސް އެދެނީ އެ އިންތިޚާބު ބާތިލްކޮށް، އަލުން އެ އިންތިޚާބު ބޭއްވުމަށް އަމުރުކޮށް ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓު ދިނުމަށް އިންކާރުކުރަމުން ދަނީ އިންތިހާބުގައި މަކަރާއި ހީލަތް ހަދާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރެވި، އެ އޮޅުވާލުންތައް އެނގި ހާމަވެދާނެތީ ކަމަށާއި މިކަމުން ވެސް އިންތިހާބުގެ ތެރޭގައި ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ.
އިލެކްޝަނާއި އެއްކޮޅަށް ވަކާލާކުރި އެމްޑީޕީންނާއި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ އެއްވެސް ހެއްކެއް ޖުމްހޫރީ ޕާޓީއަށް ދެއްކިފައި ނުވާ ކަމަށާއި ފޭކް އައިޑީކާޑު ބޭނުންކޮށްފައިވާކަން ނުވަތަ އެކަކު ދެ ފަހަރަށް ވޯޓުލާފައިވާކަން ވެސް ސާބިތުވާ ހެއްކެއް ނެތް ކަމަށެވެ.
އަދި މަރުވެފައިވާ މީހުންގެ ނަންތައް ލިސްޓުގައި ހުރި ނަމަވެސް އެ މީހުން ވޯޓުލާފައިވާކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށާއި ޖޭޕީން ހައި ކޯޓަށް ހުށަހެޅި މަރުވެފައިވާ މީހުންގެ ލިސްޓާއި ސުޕްރީމް ކޯޓަށް ހުށަހެޅި ލިސްޓުގެ އަދަދު ދިމާނުވާކަމަށެވެ. އުމުރުން 18 އަހަރު ނުވާ 41 މީހަކު ވޯޓުލި ކަމަށް ޖޭޕީން ބުނާއިރު އެ އެންމެންނަށް ވެސް 18 އަހަރުވެފައިވާކަން ލިޔުންތަކުން ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭޕީން އެދިފައިވާގޮތަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބާއްވާން ހުކުމް ކޮށްފިނަމަ، އޭގެ ސަބަބުން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުގެ ކަންކަން ނިންމާ ނުލެވޭނެ ކަމަށް ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ މަދަނީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލެނޭ ފަދަ ހެއްކެއް ވެސް އެ ޕާޓީއަށް ދެއްކިފައި ނުވާކަމަށާއި އިންތިޚާބު ފަސްކޮށްފިނަމަ ގާނޫނީ ހުސްކަމަކަށް ގައުމު އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލުކޮށްދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ތިން ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ހިމެނޭ ބެންޗުންނެވެ. ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާގެ ވަގުތެއްގައި ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ