މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރަން ނިންމި ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް

އަންނަ މަހުގެ ނޮވެމްބަރު 11 ގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ނުކުރެވިއްޖެ ނަމަ މަޖިލީހުގެ ރައީސް އާއި ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކުރި ކުރުން ބާތިލު ކަމަށް ކަނޑައެޅުމަށް ސްޕްރީމް ކޯޓަށް ޕީޕީއެމްގެ ކައުންސިލް މެންބަރަކު މައްސަލައެއް ހުށަހަޅައިފި އެވެ.
އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) އެވެ.
ލޯޔަރު ވައްޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވެރިކަމުގެ ބާރުތައް ޝާހިދާއި ހަވާލުކުރުމަށް ފާސްކުރި ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ފާސްކޮށްފައިވާ ގަރާރެއް ކަމަށާއި އެހެންކަމުން އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ފާސްކުރި ގަރާރަކީ ހުދުމުހުތާރު ބާރެއް ބޭނުން ކުރުމަށް ފާސްކުރި ގަރާރެއް ކަމަށާއި ދުސްތޫރީ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނުމުގެ ހައްގު ލިބިގެންވާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި އެފަދަ ނިންމުމެއް މަޖިލީހަށް ނިންމޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރުމަށް ވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާ ވައްޑެ އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބިފައިވާ ބާރުތަކާއި އިހުތިޔާރުތަކަށް އަރައިގަނެވޭ ފަދަ ގޮތަކަށް ފާސްކޮށްފައިވާ ގަރާރެއް ކަމަށާއި އެ ގަރާރަކީ ކޮންނަމެއް ކިޔާ ކޯއްޗެއް ކަމެއް ވެސް އެނގެން ނެތް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ 39 މެންބަރުން ވޯޓުދެއްވައިގެންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިތުރުން ޑީއާރުޕީގެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. ވޯޓުގައި ޕީޕީއެމް އާއި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ މެމްބަރުން ބައިވެރިއެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ