މައިލޯ އިންޓަ ސްކޫލް: ޝަރަފުއްދީނާއި ޝަމްސުއްދީން މޮޅުވެއްޖެ

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިން ޝަމްސުއްދީން ސްކޫލާއި ފޭދޫ ސްކޫލް ބައްދަލު ކުރި މެޗް 11-1 ލަނޑު ޝަމްސުއްދީން ސްކޫލް މޮޅުވެއްޖެ އެވެ.
ޝަމްސުއްދީން ސްކޫލުން ޖެހި 11 ލަނޑުގެ ތެރެއިން 6 ގޯލް ޖަހައިދިނީ އެޓީމްގެ މުހައްމަދު ރަޔާން މުއްސަދުއެވެ. ދެން އެޓީމަށް ލަނޑު ޖަހާދީފައިވަނީ 4 ލަނޑު ޖެހި ހަސަން ސަހާފް އާއި ޔޫސުފް ސިދާމް އަލީއެވެ.
ފޭދޫ ސްކޫލުން ޖެހި ހަމައެކަނި ލަނޑަކީ ހުސެއިން އިމްތިޔާޒް ޖަހައިދިން ލަނޑެވެ.
މިއަދު ކުޅުނު 13 އަހަރުން ދަށުގެ ދެވަނަ މެޗްގައި ޝަރަފުއްދީން ސްކޫލް ވަނީ 8-2 ލަނޑުން މަރަދޫ ސްކޫލްގެ މައްޗަށް ކުރިހޯދާފައެވެ.
ޝަރަފުއްދީން ސްކޫލުން ޖެހި 8 ލަނޑުގެ ތެރެއިން ހުސެއިން ނާއިން، މުހައްމަދު އައިހަމް އަދި އަހްމަދު ޔުސްރު މިއިން ކޮންމެ ކޮލުންތެރިއަކު ވަނީ 2 ގޯލް ޖަހާފައެވެ. އޭގެއިތުރުން އިބްރާހިމް ނާހިލް 1 ލަނޑު ޖެހި އިރު 8 ވަނަ ލަނޑަކީ މަރަދޫ ސްކޫލްގެ އަހްމަދު މާދު މުހައްމަދު ފަހްމީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މަރަދޫ ސްކޫލަށް ލަނޑު ޖަހައިދިނީ އިސްމާއިލް ސިޔާން ފަހްމީ އާއި އިބްރާހިމް ލަޔާލްއެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ 15 އަހަރުން ދަށުގެ މެޗެކެވެ. ބައްދަލު ކުރާނީ ފޭދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ