ވަޒީފާއާ ބެހޭ ގާނޫނަށް ޕްރައިވެޓް ސެކްޓާއިން އަމަލް ނުކުރުމުން އެ ދާއިރާގެ މުވައްޒަފުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި: ސަލީމް

14:30ވަޒީފާއާ ބެހޭ ގާނޫނަށް ޕްރައިވެޓް ސެކްޓާއިން އަމަލް ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން އެ ދާއިރާގެ މުވައްޒަފުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެ އެވެ.ހިއުމަން ރައިޓްސް ކޮމިޝަންގެ 2009 ވަނަ އަހަރުގެ އަހަރީ ރިފޯޓް ނެރެދެއްވުމަށްފަހު އެ ކޮމިޝަންގެ ރައީސް އަހުމަދު ސަލީމް މިއަދު ވިދާޅުވީ ވޭތުވެދިޔަ އަހަރު ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ވަޒީފާއާ ބެހޭ ގާނޫނަށް އެ ދާއިރާއިން އެއްވެސް ވަރަކަށް އަމަލް ނުކުރާކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި އެ ގާނޫނަށް އަމަލްނުކުރުމުގެ ސަބަބުން މުސާރައިގެ މައްސަލަތަކާއި ވަޒީފާގައި މަސައްކަތްކުރާ ވަގުތުގެ އިތުރުން އެ ވަޒީފާގައި ދެމިހުންނާނެ ކަމުގެ ޔަގީކަން އެ ދާއިރާގެ މުވައްޒަފުނަށް ނެތްކަން ފާހަގަކޮށްލެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ.އެ ކޮމިޝަން ނައިބް ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާ ހިލާފަށް ރާއްޖެއިން އަމަލް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުންދާ ކަމަށާއި އެ ކަންކަމުގެ ހައްލު އަވަސް މުސްތަގުބަލެއްގައި ހޯދަންޖެހިފައިވާ ކަމަށް މުހައްމަދު ޒާހިދު ވިދާޅުވި އެވެ.ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީވެ، އެ ކަންތައްތައް ހައްލުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރާގެ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް މޭމަހުގެ ފަހުކޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެ އެވެ. އަދި ތޭރަ ސިޔާސީ ޕާޓީތަކުގެ ތެރެއިން ނުވަ ފަރާތަކުން އެ މަޝްވަރާގެ މެޒުދޮށަށް އައުމަށް ތައްޔާރު ވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.ހިއުމަން ރައިޓްސް ކޮމިޝަނުންގެ އަހަރީ ރިޕޯޓްގައި މިދިޔަ އަހަރު އެ ކޮމިޝަނުން އިންސާނިއްޔަތައްޓަކައި ކޮށްފައިވާފައިވާ މަސައްކަތްތަކާއި އަދި މިދިއަހަރު ހުށަހަޅާފައިވާ 490 މައްސަލައިގެ ތެރެއިން މިހާތަނަށް ނިމިފައިވާ 322 މައްސަލައިގެ ތަފްސީލް ވެސް ހިމަނައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ