ކާށިދޫ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސަރުކާރުގެ މަގާމެއްގައި ހުރެ އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ސާބިތުވެފައި ވާތީ، އެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސްގެ މައްޗަށް އަމުރު ކޮށްދިނުމަށް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. އެކަމަކު އެ މައްސަލަ ކޯޓަށް ބަލައިގަތް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މޫސާ އަންވަރު ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ހުކުމެއް އައުމުން ވެސް ގާނޫނީ ސުވާލުތަކެއް ކަމާ ބެހޭ މުއައްސަސާތަކުން ކުރަމުން ގެންދާތީ ކަމަށެވެ.
މޫސަ ވިދާޅުވީ އެ މައްސަލާގައި އޭނާ ރިއާޔަތް ކުރެއްވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި ގާނޫނު އަސާސީގެ 74 ވަނަ މާއްދާ އަދި މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ށ) ކަމަށެވެ.
"މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ށ) ގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް މަޖިލީހުގެ ގޮނޑިއެއް ހުސްވި ތާރީހުން ފެށިގެން، ބައި އިލެކްޝަން ބޭއްވުމަށްޓަކައި ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ހުޅުވާލަން ވާނެ ކަމަށް. އެކަމަކު ފަސް ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އިލެކްޝަންސް ކޮމިޝަނުން އެކަމެއް ނުކުރައްވާ،" މިދިޔަ ރިޔާސީ އިންތިހާބަށް ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވުމުން އެ މަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށް އަމުރު ކޮށްދެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްމާއީލް އަބްދުލް ހަމީދުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އެދިފައިވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކާށިދޫ ގޮނޑީގެ ބައި އިލެކްޝަން ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށް ކަމަށެވެ.
ސުޕްރީމް ކޯޓަށް ކާށިދޫ ގޮނޑީގެ މައްސަލަ ވެއްދިއިރު އިސްމާއީލް އަބްދުލް ހަމީދު ވިދާޅުވެފައި ވަނީ އެއީ އޭނާ އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ ކަމެއްތޯ ނުވަތަ ނޫންތޯ އެނގިވަޑައިގަންނަވާނީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ވެސް ކުރައްވާނެ ކަމަށެވެ.
"މިކަން ގޮސްފައި ވަނީ އިންސާފުން ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަމީދު ވިދާޅުވެފައި ވެ އެވެ.
އެހެން ނަމަވެސް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އެކަމާ މެދު ގޮތެއް ނިންމަވާނީ މަޖިލީހުގެ ގާނޫނީ ޓީމާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އިލެކްޝަންސް އިން ބުނީ އިސްމާއީލް އަބްދުލް ހަމީދުގެ މެމްބަރު ކަމާ މެދު ގޮތެއް ނިންމާނީ ރަސްމީ އިދާރާ އަކުން އެކަން އެންގުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ