ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލަކު ކަނޑައެޅި ގޮތާ މެދު ސުވާލުތަކެއް

ސުޕްރީމް ކޯޓުގައި އަލަށް އުފެއްދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހިނގާފައިވާކަން ފެންމަތިވެއްޖެ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ސެކްރެޓަރީ ޖެނަރަލަކު ހޯދުމަށް ސުޕްރީމް ކޯޓުން ތިން ފަހަރަކު އިއުލާންކޮށްފައިވާ އިރު، މަގާމުގެ ޝަރުތުތައް ވަނީ ދަށްކުރަމުން ގެންގޮސްފަ އެވެ.
ސެކްރެޓަރީ ޖެނެރަލަކު ހޯދުމުގެ އިއުލާން އެންމެ ފުރަތަމަ މި އަހަރުގެ މެއި 16 ގައި ގެޒެޓްގައި ޝާއިއުކުރި އިރު، އެ އިއުލާނުގައި މަގާމުގެ ޝަރުތަކުގެ ތެރޭގައި މާސްޓާސް ޑިގްރީއެއް އޮތުމާ އެކު އެގްޒެކެޓިވް ލެވަލް (އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީ)ގެ މަގާމެއްގައި އުޅެ ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމަނާފައިވެ އެވެ.
ޝަރުތު ހަމަވާ މީހަކު ކުރިމަތިލާފައިނުވާ ކަމަށް ބުނެ ދެ ވަނަ ފަހަރަށް ކުރި އިއުލާނުގައި ވަނީ ކުރިން ކަނޑައަޅާފައިވާ ހަތަރު އަހަރުގެ ތަޖުރިބާ ދެ އަހަރަށް ދަށްކޮށްފަ އެވެ. ފުރަތަމަ އިއުލާނާއި ދެ ވަނަ އިއުލާނުގައި ވެސް ޝަރީއާ، ގާނޫނު، ނުވަތަ ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކޮށްފައިވުން ޝަރުތުކޮށްފައިވެ އެވެ.
އެންމެ ފަހުގެ އިއުލާނުގައި ކުރިން ޝަރުތުކޮށްފައި އޮތް މާސްޓާސް ޑިގްރީ އޮތުމާއި އެގްޒެކެޓިވް ލެވަލްގެ މަގާމެއްގައި އުޅެފައިވުމުގެ ޝަރުތެއް ނެތެވެ. އެ އިއުލާނުގައި ބުނަނީ "ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކޮށްފައިވުން" މިހެންނެވެ.
މުސާރަ އާއި އެލަވަންސްގެ ގޮތުގައި 35،500ރ. ލިބޭ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހަކު ނެގުމަށް، މަގާމުގެ ޝަރުތު ދަށްކޮށް އިއުލާނުތައް ކުރިއިރު، ދެ ވަނަ ފަހަރުގެ އިއުލާނާ ގުޅިގެން، ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅަކު ވެސް ކުރިމަތިލެއްވި ކަން ހަވީރަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެއްވެސް ސަބަބެއް ބަޔާންނުކޮށް އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.
ސެކްރެޓަރީ ޖެނަރަލަކު އައްޔަންކުރުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރިއިރު، އެ މައްސަލަ ހުށަހެޅުމުން އެ މަސައްކަތް މަޑުޖައްސާލުމަށް ޖުލައި 14 ވަނަ ދުވަހު އެންގި ނަމަވެސް ސުޕްރީމް ކޯޓުން އެ އެންގުމަށް އަމަލެއްނުކުރެ އެވެ. ސުޕްރީމް ކޯޓުން އޭސީސީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ކޮމިޝަނުން އެންގުމުގެ ކުރިން ސެކްރެޓަރީ ޖެނަރަލް ކަމަށް މީހަކު އައްޔަންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ހަވީރަށް އެނގިފައިވާ ގޮތުގައި ސެކްރެޓަރީ ޖެނަރަލް މަގާމު އުފައްދާފައިވަނީ ޖުލައި 20 ގަ އެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވި، ޣާނިޔާ އަބުދުލްޣަފޫރު ވަޒީފާ އަށް އައްޔަންކޮށްފައިވަނީ މަގާމު އުފެއްދުމުގެ ކުރިން، ޖުލައި 12 ގަ އެވެ.
ޣާނިޔާ އަކީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ސުޕީރިއާ ކޯޓްތަކުން ހޮވާފައިވާ ޖިނާއީ ކޯޓުގެ ގާޒީ އަބްދުﷲ ދީދީގެ އަނބިކަނބަލެކެވެ. ޣާނިޔާ ވަނީ ޝަރީއާ އިސްލާމިއްޔާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުން މި އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އިދާރީ އޮނިގަނޑުގައިވާ ގޮތުން އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. ދެން ފަނޑިޔާރުންގެ ބެންޗެވެ. ދެން ހުންނަވާނީ ސެކްރެޓަރީ ޖެނެރަލް އެވެ. ނަމަވެސް ގާނޫނުގައި ނެތް އެ މަގާމުގެ ބައެއް ޒިންމާތަކާއި ކޯޓްތަކުގެ ގާނޫނުން ކަނޑައަޅައި ގާނޫނީ ގޮތުން ޒިންމާތަކެއް ހަވާލުކޮށްފައިވާ ރެޖިސްޓްރާގެ ޒިންމާތަކާ ފުށުއަރާކަން ގާނޫނީ ބައެއް ބޭފުޅުން ފާހަގަކުރައްވަ އެވެ. އަނެއްކޮޅުން ރެޖިސްޓްރާ ކަމުގައި ހުންނަ މީހަކީ ހައި ކޯޓުގެ ފަނޑިޔާރެއްގެ ޝަރުތު ފުރިހަމަވާންޖެހޭ މީހެއް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އެކަމަކު ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޝަރުތު ހައި ކޯޓުގެ ފަނޑިޔާރެއްގެ ޝަރުތާ އެއްވަރެއް ނޫނެވެ.
ސެކްރެޓަރީ ޖެނެރަލްކަމުގެ މަސްއޫލިއްޔަތުތަކީ އެ ކޯޓުގެ އިދާރީ، މާލީ، އިޖުރާއީ އަދި ގާނޫނީ ކަންތައްތައް ހިނގަމުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްކުރުމެވެ. އަދި ސުޕްރީމް ކޯޓުގެ ޑިވިޒަންތަކާއި ޔުނިޓްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމާއި ކަމާ ބެހޭ ރިޕޯޓް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައި ގޮތެއްގެ މަތިން އެ މަޖިލީހަށް ހުށަހެޅުމާއި ފަނޑިޔާރުންގެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް ކޯޓުގެ އިދާރީ ކަންތައް ހިންގައި ބެލެހެއްޓުމަކީ ވެސް ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އެވެ. ގާނޫނީ ގޮތުން ރެޖިސްޓްރާގެ އުފުލަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކާއި ލިޔުންތައް ބަލައިގަތުމާއި މައްސަލަތަކާއި ލިޔުންތައް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން ހިމެނެ އެވެ. އަދި މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ކޯޓުގެ ގަވާއިދުގައި ބުނާ އެހެން ކަންތައްކުރުން ވެސް ރަޖިސްޓްރާ އަށް އޮވެ އެވެ.
ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހަކު ހޮވުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިއިރު އެ މައްސަލަ މިހާރު އޭސީސީން ދަނީ ބަލަމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ފޯން އެލަވަންސް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ވެސް އޭސީސީން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ