ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންތަނާ ރޭ ބައްދަލު ކުރައްވައިފި އެވެ.
މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި އޮތް މި ބައްދަލު ކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އަށް ދެ ވަނަ ފަހަރަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާ ކުރެއްވި އެވެ. ސުނާމީ އަށް ފަހު ރާއްޖެ އާބާދު ކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލައްވާފައިވާ މަޝްރޫއަށް ރައީސް ކްލިންޓަން ތައުރީފް ކުރައްވައި ރާއްޖެ އަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯއްދަވައި ދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ވެސް ރައީސް ކްލިންޓަނަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ. އަދި މި ފަހަރު މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އަށް އެކި ގައުމުތަކުގެ ސަމާލުކަން އިތުރަށް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ސުނާމީ ހާދިސާ އަށް ފަހު ރާއްޖެ އާބާދު ކުރުމަށްޓަކައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައުލޫމާތު، ރައީސް ކްލިންޓަނަށް ރައީސް ދެއްވި އެވެ. އަދި ރާއްޖެ އަށް މިހާތަނަށް ބޭރުގެ އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ލިބިފައިވާ އެހީ ތަކުގެ ތަފްސީލު ވެސް ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖެ އަށް ގެންނަވަމުން ގެންދަވާ އިސްލާހީ ބަދަލުތަކުގެ މައްޗަށާއި ރާއްޖެ އަށް ޕާޓީ ނިޒާމް ތައާރުފު ކުރެއްވުމަށް މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ވެސް ބައްލަވާ ލެއްވި އެވެ.
ރައީސް ކްލިންޓަންގެ ވާހަކަފުޅުގައި ރާއްޖެ އަށް އަލުން ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ކްލިންޓަން ވިދާޅުވި ގޮތުގައި، ސުނާމީއަށް ފަހު ރާއްޖެ އަލުން ބިނާ ކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ މަޝްރޫއާއި ބޭރުގެ އެހީ ހޯއްދެވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުންތައް އެހެން ގައުމުތަކުން ބަލައިގެންފައިވަނީ ވަރަށް ރަނގަޅު ނަމޫނާއެއްގެ ގޮތުގަ އެވެ. އަދި މި މަޝްރޫއާއި ހުށަހެޅުއްވުންތައް ނަމޫނާ އަކަށް ބަލައިގެން އެ ފެންވަރަށް މަސައްކަތް ގެންދިޔުމަށް އެހެން ގައުމުތަކުން މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަން ކްލިންޓަން ފާހަގަ ކުރައްވައި ރާއްޖޭގެ އިސް ނެގުމަށް ތައުރީފު ކުރެއްވި އެވެ.
ރާއްޖެ އިން މިހާރު ކުރަން ޖެހިފައިވާ މަސައްކަތްތަކަށް ރައީސް ކްލިންޓަން ބައްލަވާ ލައްވަމުން، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ހަރަކާތްތެރި ކުރުވުމަށާއި ރާއްޖެ އިން ބޭޜުން އިތުރު އެހީ ހޯއްދަވައި ދެއްވުމަށާއި ރާއްޖެއަކީ ޓޫރިސްޓުން ޒިޔާރަތް ކުރުމަށް ވަރަށް ހިތްގައިމު މަންޒިލެއް ކަމުގައި ދުނިޔެ އަށް އިތުރަށް ހާމަކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ފުރުސަތުތައް ހޯއްދަވައި ދެއްވުމަށާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ބޭނުންފުޅުވާ ގޮތަށް އެކަން ގެންދިޔުމަށް ބާރު އަޅުއްވައި ދެއްވާނެ ކަމުގައި ވެސް ކްލިންޓަން ވިދާޅުވި އެވެ.
ޕްރެޒިޑެންޓް ކްލިންޓަންގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ ސުލްހަވެރިކަމާއި ހަމަޖެހުން އޮތް ގައުމަކަށް ޒިޔާރަތް ކުރެއްވުމަކީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި ހަމަނުޖެހުމާއި ތަޅާފޮޅުންތައް ހިނގަމުންދާ އިރު ރާއްޖެ ފަދަ ސުލްހަވެރި އަދި އެއްބައިވަންތަ ގައުމަކަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އުފާފުލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ރައީސްގެ އަރިހުގައި ރައީސް ކްލިންޓަން ވިދާޅުވި އެވެ.
ރައީސް މައުމޫނު ކްލިންޓަނާ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ