ވަކި ތަނެއްގައި މުޒާހަރާ ނުކުރެވިގެން ނުވަަތަ ބަންދުކޮށްފައި ހުރި މީހަކަށް ލުއިދޭ ވާހަކަ ދައްކާނަމަ އެމަނިކުފާނުގެ ކަންފަތުގެ ވަރަށް ފުނުން މަޑުނަގަން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ރައްދު ދެއްވައިފި އެވެ.
ނ. ހެނބަދޫ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވާ ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުންނަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ރަތާއި ހުދާއި ފެހި ކުލަ ހިމެނޭ ގޮތަށް އަދި މުޅި ގައުމުގެ ގައުމީ އެޖެންޑާ ހިމެނޭ ގޮތަށް ދައްކާ ވާހަކަތައް ވަރަށް ފަސޭހައިން އިވިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ވަކި ތަނެއްގައި މުޒާހަރާ ނުކުރެވިގެން ނުވަަތަ ބަންދުކޮށްފައި ހުރި މީހަކަށް ލުއިދޭ ވާހަކަ ދައްކާނަމަ އެމަނިކުފާނުގެ ކަންފަތުގެ ވަރަށް ފުނުން މަޑުނަގަން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީންގެ މިވާހަކަފުޅަށް ރައްދުދެއްވަމުން ރިޔާޒު ވިދާޅުވީ ގާނޫނުތަކާ ހިލާފަށް އަދި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ވާދަވެރިން ބަންދުކުރުމުން އެވާހަކަ ދައްކާނެ ކަމަށެވެ. ރައްޔިތުން އަޑުނޭހުމުގެ އަދަބު ރައްޔިތުންގެ މަންދޫބުން މިހާރު ވެސް ރައީސް ޔާމީނަށް ދީފައިވާ ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް ރައްޔިތުން ރައީސް ޔާމީނަށް އަދަބު ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ރިޔާޒު އެ އިޝާރާތް ކުރައްވަނީ ރައީސް ޔާމީނާ ހިޔާލު ތަފާތުވެގެން ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެންބަރުންތަކެއް އެޕާޓީ ދޫކޮށްލި މައްސަލަ އަށެވެ.
"2018 [ވަނަ އަހަރުގެ] އިންތިހާބުގައި ރައްޔިތުންވެސް [ރައީސް ޔާމީނަށް] އަދަބު ދޭނެ. ކަންފަތުން މަޑުނަންގަވާ ސާފުކުރައްވާ،" ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ރިޔާޒު ވިދާޅުވެފައިވެ އެވެ.
ދިވެހިންގެ މައްސަލަތައް ހައްލުކުރުމަށް ބޭރު ގައުމެއްގެ އެހީ ބޭނުން ނުވާ ކަމަށް ރައީސް ޔާމީން އިއްޔެ ވިދާޅުވުމާ ގުޅިގެން ރިޔާޒު ވަނީ އެކަމަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށެވެ. ބޭރުގެ ގައުމުތަކުގައި ފޮރުވާފައި ހުރި ދައުލަތުގެ ފައިސާތައް ބޭރުގެ ފަރާތްތަކުގެ އެހީގައި ދައުލަތަށް އަބުރާ ގެންނާނެ ދުވަހެއް ދެކެން ގިނަ ރައްޔިތުން ބޭނުންވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ސިޔާސީ އެކި ފިކުރުތަކުގެ ބޭފުޅުން އެކުވެގެން މިސަރުކާރާ ދެކޮޅަށް ގުޅިފައިވާ އިއްތިހާދެއް އުފައްދާފައިވާތީ ރާއްޖޭގެ ސިޔާސީ ލީޑަރުން މިހާރު ފެންނަނީ ކޮކްޓެއިލް ދަޅެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ރައީސް ޔާމީން ފާޑު ވިދާޅުވުމުން އެކަމަށްވެސް ރިޔާޒު ވަނީ ރައްދުދެއްވާފަ އެވެ.
ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ ފިކުރަކީ ރައްޔިތުންގެ ފިކުރު ކަމަށާއި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ދެކޮޅު ފިކުރަކީ ރައްޔިތުންގެ ފިކުރު ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަދުވެލި ވެރިކަމެއް ކުރާނެ ވެރިއެއްގެ އިތުރުން އިންސާފުވެރި ފަނޑިޔާރުގެއަކާއި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ރައްޔިތުންގެ މަޖިލީހެއް ކަމުގައިވެސް ވިދާޅުވި އެވެ.
"2018 ގައި ރައީސް ޔާމީންގެ މައްޗަށް މިފިކުރު ކާމިޔާބު ހޯދާނަން. އިޝާﷲ،" ރިޔާޒު ވިދާޅުވެފައިވެ އެވެ.
ކަންފަތްޕުޅުން މަޑު ނަންގަވައި ސާފުކުރައްވާ، 2018 ގައި އަދަބު ދޭނެ: ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ