ރަމަޟާން މަހުގައި އެކުވެރިކަމާއި އަޚުވަންތަކަން ވަރުގަދަވާން ޖެހޭ: މައުމޫން

ދިވެހިރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއެކު، މި މާތް މައްސަރުގެތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އަޚުވަންތަކަން ވަރަށް ބޮޑަށް ވަރުގަދަވާން ޖެހޭކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް މައުމޫންގެ އޮފީހުން ރަމަޟާންމަހުގެ ތަހުނިޔާ ޕީޕީއެމްގެ މެންބަރުންނަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށާއި، އެންމެހާ ދިވެހި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ފޮނުވާކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވަނީ ރަމަޟާންމަހުގެ މި މަތިވެރި މައްސަރުގައި އެންމެންނާމެދު ހަމަޔާއި އިންސާފުން އަމަލުކުރުމަށް ބާރުއަޅަންޖެހޭކަމަށާ މިއީ އެކަކު އަނެކަކަށް ރަހުމުކުރުމަށް ބާރު އަޅުއްވާ މައްސަރެއްކަމަށެވެ.
އަދި ދިވެހިރާއްޖެއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަރައްގީ ހޯދައިދިނުމަށާއި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެންމެންގެ ހަމަހަމަކަމާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި، އެންމެންނާމެދު ހަމަޔާއި އިންސާފުން އަމަލުކުރުމަށް ބާރުއެޅުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއްކަމަށެވެ.
ބަރަކާތްތެރި ރަމަޟާން މަހަކީ، އިސްލާމީ އުންމަތުގެ ވަހްދަތާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ މަތިވެރި މުނާސަބަތެއްކަން ފާހަގަކޮށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ މިކަން ސާބިތުކޮށްދޭ ވަރަށް ގިނަ ކަންތައްތައްވާކަމަށެވެ.
އިސްލާމްދީނުގެ އެހެން ރުކުންތަކާ ހިލާފަށް މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަހިފުމުގައި އެއް ގައުމެއްގެ މީހުން ކޮންމެ ދުވަހަކުވެސް ރޯދަ ފަށާ ވަގުތާއި ރޯދަ ވީއްލާ ވަގުތަކީ އެއްވަގުތަކަށްވުމާއި، ތަރާވީހު ނަމާދަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ޖަމާއަތުގައި ކުރާ ނަމާދަކަށްވުމާއި، ކެއިންބުއިމުގެ ވަގުތަށް އަންނަ ބަދަލުގެ ސަބަބުން އެއް ގައުމެއްގެ އެންމެން އެއްވަގުތެއްގައި ކައިބޮއިހެދުމާއި، އެއްވަގުތެއްގައި އެކަންކަމުން ދުރުހެލިވެތިބުމުން މުސްލިމުންގެ ހިތްތަކުގައި އޮންނަ، އެއްބައިވަންތަކަމާއި ވަހުދަތުގެ ޝުއޫރު، އެތައް ގުނައެއް އިތުރުވެގެންދާކަމަށެވެ.
ހަމަ އެހެންމެ ރަމަޟާން މަހަކީ، އެކަކު އަނެކެއްގެ ހާލުބެލުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، އެކަކު އަނެކަކަށް ރަހުމް ކުރުމަށް ވަރަށް ޚާއްސަގޮތެއްގައި އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މަހެއްކަމަށްވެސް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ