ކޮލަމާފުށީ ކައުންސިލު ތިޖޫރި ފަޅާލައި އިނާޔަތު ފައިސާ ވަގަށް ނަގައިފި
ގއ. ކޮލަމާފުށީ ކައުންސިލުގެ ތިޖޫރި ފަޅާލައި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ރޯދަމަހަށް ދޭން ޖެހޭ އިނާޔަތު ފައިސާ ހިމެނޭ ގޮތަށް ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ. ކޮލަމާފުށީ ކައުންސިލް މެމްބަރަކު ވިދާޅުވީ ތިޖޫރި ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އޭގެ ތެރޭގައި އިނާޔަތު ފައިސާ އާއި އެހެން ފައިސާތައްވެސް ހިމެނޭނެ. ހެނދުނު އޮފީހަށް ނުކުތީމަ އެނގުނީ ތިޖޫރީ ފަޅާލިކަން،" ކައުންސިލަރަކު ވިދާޅުވިއެވެ. ތިޖޫރީގައި ރޭ ތިޖޫރީއަށް ލީ 122،000 ރުފިޔާ އާއި ތިޖޫރީގައި ހުރި 22،000 ރުފިޔާ ހިމެނޭ ގޮތަށް ޖުމްލަ ދޮޅު ލައްކަ ރުފިޔާ ހިމެނޭނެ ކަމަށް ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ. އޭގެ އިތުރުން ކައުންސިލް އިދާރާގައި ބަހައްޓާފައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ގާތްގަނޑަކަށް 8000 ރުފިޔާވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮލަމާފުށީ ތިޖޫރީ ފަޅާލި މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ