600 އަކަފޫޓު ހަމަ ނުވާ ބިންކޮޅާއި ގޯތި ވެސް ދޫކޮށްލާކަށް ނުޖެހޭ

ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވުމަށް އިއްޔެ ހުޅުވާލި ސްކީމުގައި ޝަރުތުތައް ލުއިކޮށްދީފައިވާ ކަމަށާއި ފްލެޓް ލިބުމުން، އެ މީހަކަށް ކުރިން ލިބިފައި އޮތް 600 އަކަފޫޓު ހަމަނުވާ ގޯތި ނުވަތަ ބިންކޮޅު ވެސް މި ފަހަރު ދޫކޮށްލަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް ފޯމު ދޫކުރަން އިއްޔެ ހުޅުވާލިތާ ގަޑިއެއްހާ އިރުގެ ތެރޭގައި 15،000 ފޯމު ވަނީ ހުސްވެފަ އެވެ. އެހެންކަމުން އިއްޔެ އާ ފޯމުތައް ޕްރިންޓްކޮށްގެން، އަލުން ފޯމު ދޫކުރަން ވަނީ ފަށައިފަ އެވެ.
މި މަޝްރޫއުގެ ތަފްސީލްތައް އާއްމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މީގެ ކުރިން ފްލެޓް މަޝްރޫއުތަކަށް ހުޅުވައިލާ އިރު، އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ގޯއްޗެއް ލިބިފައި އޮތުން އެއީ ފްލެޓަށް ކުރިމަތިލުމަށް އޮންނަ ހުރަހެއް ކަމަށެވެ. މިއީ، ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"ތިމާގެ އަނބިމީހާ އަށް ނުވަތަ ފިރިމީހާ އަށް ގޯއްޗެއް އޮތުމަކުން، މި ފަހަރު ފްލެޓް ހޯދުމަކީ ހުރަހެއް ނޫން. ފްލެޓް ހޯދޭނެ. ފްލެޓް ލިބިއްޖެ ނަމަ ކުރިން ލިބިފައި އޮތް ގޯތި ދޫކޮށްލާކަށް ވެސް ނުޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ކުރިން އިއުލާންކުރި ސްކީމްތަކުގައި އޮންނަ ގޮތުން، ފްލެޓް ލިބޭ އިރު އެ މީހާގެ 600 އަކަފޫޓަށް ވުރެން ކުޑަަ ގޯއްޗެއް ނުވަތަ ރޯ ހައުސްއެއް އޮތް ނަމަ ދައުލަތަށް އެ ބިންކޮޅު ނުވަތަ ގޯތި ދޫކޮށްލަން ޖެހެ އެވެ. އެކަމަކު އެ ޝަރުތު ވެސް މި ފަހަރުގެ ސްކީމުގައި ވަނީ ލުއި ކޮށްދީފަ އެވެ.
"އަޅުގަނޑުމެން މިފަހަރު ނިންމާފައި މިވަނީ، 600 އަކަފޫޓަށް ވުރެން ކުޑަ ބިންކޮޅެއް، ފްލެޓެއް، ރޯހައުސްއެއް، ގޯއްޗެއް އެ މީހާ އަށް ލިބިފައި އޮވެ، މިފަހަރު ފްލެޓެއް ލިބުނަސް ކުރިން ލިބިފައި އޮތް ބިންކޮޅު ދޫކޮށްލާކަށް ނުޖެހޭ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއަށް އިއްޔެ ފޯމް ދޫކުރަން ފެށުމާ އެކު އާންމުން ކިޔޫގައި -- ފޮޓޯ: މިހާރު
އެކަކަށް ވުރެން ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ގޯއްޗަކުން ވެސް އެ މީހަކަށް ލިބޭ ތަންކޮޅު 600 އަކަފޫޓަށް ވުރެ ކުޑަ ނަމަ ދޫކޮށްލާކަށް ނުޖެހެ އެވެ. އެކަމަކު 600 އަކަ ފޫޓަށް ވުރެ ބޮޑު ބިންކޮޅެއް އޮތް ނަމަ އެ ބިންކޮޅު ދޫކޮށްލަން ޖެހޭނެ އެވެ. އޭރުން ވެސް ފްލެޓަށް ކުރިމަތިލާކަށް ހުރަހެއް ނެތެވެ.
"ކުރީގައި ވެއްޖިއްޔާ ކުރިމައްޗެއް ވެސް ނުލެވޭނެ، މިގޮތަށް މި ބަދަލުކުރީ ގިނަ މީހުންނަށް ގޯތި ލިބިފައި ހެދޭނެ ގޮތެއް ނެތިފައި މި ތިބެނީ. ސަރުކާރުގެ ސްކީމަކުން ފްލެޓް ހޯދަންވީ. އެކަމަކު ލިބިފައި އޮތް ބިންކޮޅު 600 އަކަފޫޓަށް ވުރެން ބޮޑިއްޔާ ސަރުކާރަށް ދޫކޮށްލަން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރީގެ މަޝްރޫއުތަކުގައި ފްލެޓަށް ކުރިމަތި ލެވޭނީ އުމުރުން 21 އަހަރުވުމުން ކަމަށެވެ. އެކަމަކު، ޒުވާނުންނަށް އިސްކަންދޭ ސަރުކާރަކަށް ވާތީވެ، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މިހާރު ފްލެޓަށް ކުރިމަތިލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަށާރަ އަހަރުވީމާ ވޯޓު ވެސް ދެވޭ، އެހެންވެ އެވަރުގެ ޒިންމާއެއް އަދާކުރެވެންޏާ ގެދޮރު ހޯދުމުގެ ހައްގު ވެސް އޮންނަން ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ހުޅުވާލި ސްކީމުގައި ޒުވާނުންނަށް ތިން ކެޓަގަރީއެއް ހާއްސަކޮށްފައިވެ އެވެ.
ޖުމްލަ 17 ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރާ ފްލެޓްތަކަށް މިއަދުން ފެށިގެން ޖުލައި 31ގެ ނިޔަލަށް ފޯމު ދޫކުރާނެ ކަމަށެވެ. ފޯމު ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޖުލައި 31 އަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ