މަހާރާޝްތުރާ (މެއި 12) - އިންޑިއާގެ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގެ ގެއަކަށް 13،000 ޑޮލަރުގެ ކަރަންޓް ބިލެއް ފޮނުވުމުން އެ ގޭގެ ވެރި މީހާ އަމިއްލަ އަށް މަރުވެއްޖެ އެވެ.
ތަރުކާރީ ވިއްކާ މީހެއް ކަމަށްވާ ޖަގަންނާތު ޝެލްކޭ، 36، އަމިއްލަ އަށް މަރުވުމުގެ ކުރިން ކައިރީގައި ބާއްވާފައި ނޯޓުގައި ބުނެފައި ވަނީ ކަރަންޓް ބިލް ވަރަށް ބޮޑު ކަމަށެވެ. އެކަމަކު އޮފިޝަލުން ބުނެފައި ވަނީ އެހާ ބޮޑު އަދަދެއްގެ ބިލެއް ފޮނުވުނީ އޮޅިގެން ކަމަށެވެ. އަދި އަސްލު ބިލުގެ އަދަދަކީ 2،800 ރުޕީސް (41.6 ޑޮލަރު) ކަމަށް ބުނެފައިވެ އެވެ.
ޝެލްކޭގެ އާއިލާގެ މެންބަރުން ބުނެފައި ވަނީ ކަރަންޓް ބިލް ބޮޑުވުމުން ޝެލްކޭ ވަނީ ސްޓޭޓުގެ އިލެކްޓްރިސިޓީ ބޯޑުގައި މައްސަލަ ޖައްސާފައި ކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަން އޭނާ އަށް އޮޅުން ފިލުވައިދީފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ނުބައި ބިލް ފޮނުވި އިލެކްޓްރިސިޓީ ބޯޑުގެ އޮފިޝަލާ ދެކޮޅަށް ފުލުހުން މިހާރު ވަނީ މައްސަލަ ޖައްސައިފަ އެެވެ. އެ އޮފިޝަލް ވަނީ އިލެކްޓްރިސިޓީ ބޯޑުން ވެސް ސަސްޕެންޑްކޮށްފަ އެވެ.
ޝެލްކޭ އަށް ކަރަންޓް ބިލަށް ޗާޖްކޮށްފައި ވަނީ "61178" ޔުނިޓަށެވެ. އެކަމަކު ބިލް ހަދަން ޖެހޭ އަދަދަކީ "6117.8" ޔުނިޓެވެ. މާޗު މަހުގެ ކަރަންޓް ބިލްގެ ގޮތުގައި ޝެލްކޭ އަށް ބިލް ލިބިފައި ވަނީ އެޕްރީލް މަހު ފަހުކޮޅު އެވެ.
ޝެލްކޭގެ ބޭބެއަކު ބުނެފައި ވަނީ ޝެލްކޭ މަރުވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ އޭނާ ފޯނުކޮށް ވަރަށް ބޮޑު ކަރަންޓް ބިލެއް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ބިލް ނުދައްކައިފި ނަމަ އޭނާގެ މުދާ ނަގާނެ ކަމުގެ އިންޒާރު އޮފިޝަލުން ދީފައިވާ ކަމަށް ޝެލްކޭ ބުނެފައިވާ ކަމަށް ވެސް އޭނާގެ ބޭބެ ބުނެފައިވެ އެވެ.
13،000 ޑޮލަރުގެ ކަރަންޓް ބިލެއް ފޮނުވުމުން އަމިއްލަ އަށް މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ