ކުޅުދުއްފުށީގައި ކުރިއަށްދާ ޓްރެފިކް އޮޕަރޭޝަނުގައި 103 އުޅަނދެއް ބަލައިފާސްކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނެއްގައި 103 އުޅަނދެއް ބަލައިފާސްކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން  ފެށިގެން ކުރިއަށް ގެންދާ މި ޓްރެފިކް އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވާ 103 އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 86 ސައިކަލަކާއި ހަތަރުފުރޮޅުލީ އުޅަނދުގެ 17 އުޅަނދެކެވެ.  މި އޮޕަރޭޝަނުގައި ޤަވާއިދާ ޚިލާފުވި 4 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.
ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ސްކޫލު ބަންދާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކުޅުދުއްފުށީގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް އުޅަނދުތަކުގެ އަހަރީފީ އާއި އިންސްއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލައި ޗެކްކޮށްފައިވެއެވެ.
ކުޅުދުއްފުށީގައި ކުރިއަށްދާ މި އޮޕަރޭޝަން ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމުގެ ގޮތުން ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ