ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނިކޮށް ހައި ކޯޓުން އެ އެކައުންޓްތައް ދޫކޮށްލަން ނެރުނު ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރު ބާތިލްކޮށް އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން އަމުރު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން އަމުރު ކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތް ކަން ފާހަގަކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ނުކުރެވޭ ކަމަށެވެ.
ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރާ އެއް މިލިއަން ޑޮލަރަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބީއެމްއެލްގައި ރައީސް ޔާމީން ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ކަން ސާފުވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ މައްސަލައާ ގުޅިގެން އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެހެން އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް ނެރެވޭނެ ކަމަށް ނުބެލެވޭ ކަމަަށާއި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން އަމުރު ނެރުނީ ރަނގަޅަށް ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރުންގެ ބެންޗުން ކަނޑައަޅައި ހައި ކޯޓުގެ އަމުރަށް ތާއީދުކުރެއްވިއެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ބާޠިލުކޮށް އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މިމައްސަލައިގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ބޭންކުތަކުގެ ޤާނޫނާއި، ޖިނާއީ އިޖުރާތުގެ ޤާނޫގެ ދަށުން ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކޮށްދެވެން ނެތްކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ