މިދިޔަ އަންގާރަ ދުވަހު އަވަހާރަވި ހދ. ކުޅުއްފުށީ އާދަމް އިސްމާއިލް ވަނީ ހުނަރުވެރި ޑިފެންޑަރެއްގެ ގޮތުން ދިވެހި ފުޓްބޯޅަ ތާރީހުން ޖާގަ ހޯއްދަވާފަ އެވެ. ހަމައެއާ އެކު ގިނަ ބަޔަކަށް ފާހަގަވި ނުވި ނަމަވެސް އޭނާ ވަނީ ނުސީދާ ގޮތަކުން ދިވެހި އަސްކަރީ ތާރީހުން ވެސް ހާއްސަ ޖާގައެއް ހޯއްދަވާފަ އެވެ؛ ނޮވެމްބަރު ތިނެއްގެ ބަތަލު ޝަހީދު ހުސެއިން އާދަމް ސިފައިންގެ ތެރެއަށް ނެރުއްވުމުގެ ފަހަތުގައި ހުންނެވި އޭނާގެ މުދައްރިސުގެ ގޮތުންނެވެ.
އުމުރުން 88 އަހަރުގައި އަވަހާރަވި އާދަމް އިސްމާއިލަކީ ކުޅުދުއްފުށީގައި ވަރަށް ގިނަ ކުޅިވަރުތަކާއި ޖިމްނާސްޓިކް އަދި ކެޑޭޓުގެ ހަރަކާތްތައި އާލާކުރެއްވައި ދިރުއްވި ހިދުމަތްތެރިއެކެވެ. އެ ރަށުގެ ފަހުރުކަމުގައިވާ ހުސެއިން އާދަމް ސިފައިންގެ ތެރެެއަށް ނެރުމަށް އާދަމް އިސްމާއިލަށް މަގުފަހިވީ ކުރު އެހެނަސް ކާމިޔާބު ދުވަސްތަކެއް ފުޓްބޯޅައިގައި ހޭދަކުރެއްވުމަށް ފަހު އެ ރަށުގެ އަމީރު އަމީން ސްކޫލުގެ ކުޅިވަރު މުދައްރިސެއްގެ ގޮތުގައި ކުރެއްވި މަސައްކަތުގެ ތެރެއިންނެވެ.
އެއީ 1980 ވަނަ އަހަރެވެ. އެ ރަށުން ކުދިންތަކެއް ގޮވައިގެން ޖިމްނާސްޓިކުގެ ހަރަކާތްތަކެއް ދައްކާލުމަށް ހދ. ކުމުންދޫ އަށް އާދަމް އިސްމާއިލް ކުރެއްވި ދަތުރެއްގައި، އޭރުގެ ޑިފެންސުގެ ނާއިބް އިލްޔާސް އިބްރާހިމުގެ ހާޒިރުގައި ޑްރިލްއެއް ދައްކާލަން ފުރުސަތު ލިބުނެވެ. ދުވަސްކޮޅެއް ފަހުން މާލޭން އާދަމް އިސްމާއިލަށް އެންގީ ސްކޫލް ކުދިންނާއި ސްކޫލް ނިމިފައި ތިބި ކުދިންގެ ތެރެއިން އިސްކޮޅުގައި ފަސް ފޫޓް ހަތަރު އިންޗި ހަމަވާކުދިން ސިފައިންގެ އަށް ވަންނަން ފުރުސަތު ދީފައިވާ ކަމުގެ މެސެޖެވެ.
"ޝަހީދު ހުސެއިން އާދަމް: ޖީލުގެ ބަތޮލު" ނަމުގައި ކުރީގެ ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ލިޔުއްވާފައިވާ ފޮތަށް އާދަމް އިސްމާއިލް ދެއްވި ތަފްސީލީ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ހިސާބުން ހުސެއިން އާދަމް ވެސް ހިމެނޭ ގޮތަށް ސިފައިންގެ އަށް ކުދިން ތައްޔާރުކުރަން މަސައްކަތް ފެށީ ކަމަށެވެ.
އެ ކުދިން ސިފައިންގޭގެ ތަމްރީނަށް ހޭނުވުމަށް އެތަކެއް ކަމެއް ކުރި އެވެ. ޑްރިލް ތަމްރީން ވެސް ދިނެވެ. ބަޑިޔަކީ ގެންގުޅޭ އެއްޗަކަށް ނުވާތީ ބަޑި ރޫޅާރާވާކަށް ދަހެއް ނުކޮށްދެވުނު ކަމަށާއި އެކަމަކު އަމާޒު ކުރާނެ ގޮތް ވެސް ބުނެދިން ކަމަށް ހުސެއިން އާދަމްގެ ފުރަތަމަ "ކޮމާންޑަރު" އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.
"ބަޑި ހުންނަ ގޮތް ކިޔާދިނިން. މިވެނި ތަނެއްގައި ހުންނާނެ އުހެއް. އެހެންތަނެއްގައި އިންނާނެ ވައްކޮށް އިންނަ ނަރުކޮޅެއް. ދުނބުގައި އިންނާނެ ތިނޯހެއްއެންއިންނަ ތުނޑެއް. އެ ތިނެތި ސީދާކޮށްފައި ޖަހައިފިއްޔާ އަނބެއްގެ ތަޑުނަމަވެސް ދާނީ ހިފައިގެނޭ...!،" އެ ފޮތުގައި އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.
އެ ކުދިން ގޮވައިގެން މާލެ އައީ ވެސް އާދަމް އިސްމާއީލެވެ. "ކަލޭމެން ތިޔަދަނީ ސީދާ ސްކޫލުން ވަޒީފާއަށޭ، ތިދަނީ މާލެއަށޭ، ސިފައިންގެ ތެރެއަށޭ" ކަމަށް ބުނެ އެނާ ގެންދެވީ ދަތުރުމަތީގައި ވެސް އެ ކުދިންނަށް ނަސޭހަތް ދެއްވަމުންނެވެ.
"މީރޭގަނޑޭ ކަނޑޭ ފުންމާލާށޭ ބުންޏަސް ނުކުރޭނެޔޭ ނުބުނާތި...!،" އޭނާ އެ ކުދިންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވެފައިވެ އެވެ.
އެ ކުދިން ސިފައިންގެއާ ހަވާލުކުރި ވަގުތު ބަނޑޭރިގޭގައި އޭރު ހުރި އޮފިސަރަކު އާދަމް އިސްމާއިލްއާ ދިމާލަށް، "ތިއީ ހާދަ ކުޑަކުޑަ ކުދިންކޮޅެއްދޯއޭ" ބުނެ ނުރުހުމުގެ ބަހެއް އެއްލި އެވެ.
"އަޅުގަނޑު ފަސްއެނބުރި ބަލާލާފައި ބުނެލިން ލައްބަ. އެކުދިން ކުޑައޭ. އެކަމަކު މާދަމާ އެކުދިންނަކީ ގަދަފަދަ ފަހުލަވާނުންނޭ،" އާދަމް އިސްމާއިލް ވިދާޅުވި އެވެ.
އެ ބަސް ތެދުވި އެވެ. ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ޚާއިނުންތަކާއި ތަމަޅަ ބާގީން މާލެ އަރައި ދިން އުދުވާނީ ހަމަލާގައި، ބަނޑޭރިގެއިން އެންމެ ފުރަތަމަ ރައްދު ހަމަލާ ދިނީ ގޭޓުގައި ފޯރިމަރަން ހުރި ހުސެއިން އާދަމެވެ. އޭނާ ޝަހީދުވީ ދުޝްމިނުންގެ ބަޑީގެ ހަމަލާ އަރަ އެވެ.
"ހުސައިނު ޝަހީދުވިކަން އެނގުމުން ވަރަށް ދެރަވި. އޭނާ ސިފައިންގެ ތެރެއަށް ގެންދިޔަ މީހަކީ ވެސް އަޅުގަނޑު ވިއްޔަ!،" އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.
ފުޓްބޯޅައިގައި ކުޅުދުއްފުށި ފަހުރުވެރިކޮށްދިން
މުޅި ގައުމު ފަހުރުވެރިވާ ފަދަ ބަތަލެއް ކުޅުދުއްފުށިން ތައްޔާރުކުރުމުގެ ފަހަތުގައި ހުންނެވި އާދަމް އިސްމާއިލަކީ 1970ގެ ތެރޭގައި ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށި ފަހުރުވެރިކޮށްދިން ކުޅުންތެރިއެކެވެ. އައްޑު އަތޮޅުގައި 1970 ވަނަ އަހަރު ބޭއްވި 20 ވަނަ ގައުމީ ފުޓްބޯޅަ މުބާރާތުގައި މިއުޒިކީ ގުލްޝަނުގެ ރާނީ ބަޔަށް ކުޅުއްވުމަކީ އޭނާގެ ފެށުމެވެ. ޖެހިގެން އައި 1971 އާއި 1972 ވަނަ އަހަރު އޭނާ ކުޅުއްވީ ހދ. ނޮޅިވަރަމް ސަންލައިޓް ކްލަބަށެވެ. އޭގެ ތެރެއިން 1971 ވަނަ އަހަރު ގައުމީ މުބާރާތުގެ އެއް ވަނަ ޑިފެންޑަރުގެ މަގާމް ހޯއްދެވި އެވެ.
އާދަމް އިސްމާއިލްގެ ކުޅިވަރު ހަޔާތުގެ އުސްއައްޔަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި، ބްރިޓޭނިއާ ޓީމު (މަނަވަރު ޓީމު) އާ ދެކޮޅަށް ރާއްޖޭން ނެރުނު ޓީމަށް ކުޅުއްވުމެވެ. އެ ފުރުސަތު ލިބިވަޑައިގަތީ 1971 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ދެއްކެވި މޮޅުކުޅުމުގެ ސަބަބުންނެވެ. ރޭޑިއަންޓް ކްލަބުގެ ކަނޑި އާދަމް މަނިކުގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ދިވެހި ޓީމުގައި އާދަމް އިސްމާއިލް އަދާކުރެއްވީ ވާތްފަޅިން ބެކް ބެލެހެއްޓެވުމުގެ ޒިންމާ އެވެ. ރާއްޖެ 2-0 އިން މޮޅުވި އެ މެޗުގައި ގޯލް ޖެހީ މާލޭ ޓެނިސް ކްލަބުގެ ކާމިނީޕޫލް އަބްދުއްޝުކޫރާއި ވައިސް ކެޕްޓަން އައްޑޫ ޑީއެންސީގެ އަބްދުﷲ މުފީދު (އުދުހޭ މުފީދު) އެވެ.
އެ ޓީމަށް ދެން ކުޅުނު ކުޅުންތެރިންގެ ތެރޭގައި ރޭޑިއަންޓުގެ މޫދުމާ އަލީ ނަސީރާއި މިއުޒިކީގެ ގުލްޝަނުގެ ރާނީ ބައިގެ ދ. އިބްރާހިމް މަނިކާއި ޑީއެންސީގެ ހަސަން ތައުފީގާއި ވިކްޓްރީގެ ހޯޑިން އިބްރާހިމް މުހައްމަދާއި ޔޫއެސްއޯގެ މުހައްމަދު އަލީ ހިމެނެ އެވެ. މީގެ އިތުރުން އޭދަފުށީ ބަހިއްޔާ ސައާދާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާފެ އަލީ ވަހީދާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބުން ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އާއި އޯކިޑް ކްލަބުގެ އަހުމަދު އަޖީބާއި މޫން ސްޕޯޓްސް ކްލަބުން އަންބަރީ އަބްދުއްސައްތާރު ކުޅުއްވި އެވެ.
އެ ކުޅުންތެރިންގެ ތެރޭގައި ފަހުން ހިންގުންތެރިންގެ ގޮތުން ދިވެހި ފުޓްބޯޅަ އަށް އެތައް ހިދުމަތްތަކެއްކޮށްދެއްވި ބޭފުޅުން ހިމެނެ އެވެ. ވެލެންސިއާގެ ފުރަތަމަަ މަސްއޫލުވެރިޔާ ދ. އިބްރާހިމް މަނިކާއި އެފްއޭއެމްގެ ކުރީގެ ޗެއާމަން ޝުކޫރު ފަދަ ބޭފުޅުންގެ ތެރެއިން ތެރެއިން އާދަމް އިސްމާއިލް ފާހަގަކުރެވެނީ އެއް ރަށަކަށް އެންމެ ބޮޑު ހިދުމަތެއް ކުރި އެކެއްގެ ގޮތުގަ އެވެ.
"ކަސްރަތާއި ކުޅިވަރަކީ އަޅުގަނޑު ދަންނަ ނިކަން އުޅޭހިތްވާ ދާއިރާއެއްކަމުން ސްކޫލުގައި އެކަމާ ހަވާލުވެގެން ހުންނަނީ އަޅުގަނޑެވެ،" ކުޑަހުސެންގެ ފޮތަށް އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.
އެ ހުރިހާ ހިދުމަތްތަކާ އެކު ކުޑަހުސެން، އާދަމް އިސްމާއިލް ސިފަކުރެއްވީ ކުޅުދުއްފުއްޓާއި އުތުރުގެ ޒާހިރު ނަސީރުގެ ގޮތުގަ އެވެ. ދިވެހި ކުޅިވަރުގެ "ބައްޕަ" ޒާހިރު ނަސީރުގެ ބެލުމުގެ ދަށުން ނުކުމެ ކުޅަދާނަ މެރެތަން ދުވުންތެރިޔަކަށްވި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ނައިބް ރައީސް ކުޑަހުސެންގެ އެ ސިފަކުރެއްވުމުން، އާދަމް އިސްމާއިލުގެ ހިދުމަތް ވަޒަންކޮށްލެވެ އެވެ.
ޝަހީދު ހުސެއިން އާދަމްގެ ފުރަތަމަ "ކޮމާންޑަރު" އަވަހާރަވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ