އަނަސް މަރާލި މައްސަލައިގައި ދައުވާކުރާ ހަތް މީހުުންގެ ބަންދަށް ލުއި ނުދިނުމަށް ކޯޓުން ނިންމައިފި

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި، ގްރޫޕަކުން ގޮސް ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި، ދައުވާކުރާ ފަރާތްތަކުގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދެހާސް ސަތާރަވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.
އެ މައްސަލައިގައި ދައުވާކުރި މީހުން:
ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިސިމާހު މޫސާ، ދަފްތަރު 1746އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެއުސްމާން ޝަރީފް، މ. ދިމިޝްގްއަފްރާހް އަބްދުއް ރައްޒާގު، މ. ލޮނުމިދިލިގޭ
އެ މައްސަލައިގައި އެކަކުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ދައުވާ އުފުލާފައިވަނީ ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ބަނދުކޮށްފައި ތިބުމަށްފަހު، ކޮންމެ 30 ދުވަހުވަހަކުން ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނުމާ ގުޅިގެން، އެމީހުންގެ ބަންދު ރިވިއުކުރަން މިއަދު ވަނީ ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފައެވެ.
އެ އަޑުއެހުމުގައި ދައުލަތުން ބުނީ އެ ހަތް މީހުން ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
އެ ހާލަތު މިހާރުވެސް ދެމިއޮތް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ މައްސަލައިގައި ސިއްރު ހެކިވެރިއަކަށް ބަޔަކު ބިރު ދެއްކުމުން އެމީހާ ހެކިބަސް ދޭން ދެކޮޅު ހަދާފައިވާތީ، އެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ ދެން ތިބި ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެފަރާތްތަކުގެ ބަންދަށް ލުއިދެވެން ނެތްކަމަށް ނިންމަވަމުން، މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ މީހެއްގެ މަރުގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން ކަމަށެވެ. އަދި މި ހާލަތުގައި އެމީހުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ މިވަގުތު ބަންދަށް ލުޔެއް ނުދީ ދަމަހައްޓަން ނިންމީ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ