އިންސާނީ ވަގުފާރިކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހެއް

އިންސާނީ ވަގުފާރިކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގޭ ގޮތަށް މީހުން ޓްރެފިކުކުރުން ހުއްޓުވުމުގެ ޤާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުން މަޖިލިހުގެ ހިންނަވަރު ދާއިރާ މެންބަރު ޖީހާން މަޙުމޫދެވެ. އިންސާނީ ވަގުފާރިކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭ ގޮތަށް ހަމަޖެއްސުމުގެ އިތުރަށް މުހިއްމު ދެ އިސްލާހެއް މި ބަލަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެގޮތުން ޤާނޫނުގައި މީހުން ޓްރެފިކްކުރުން ނުވަތަ އިންސާނީ ވަގުފާރި މާނަކޮށްފައިވާ ގޮތަށް އިސްލާހެއް ސަރުކާރުން ހުށަހަޅާފައިވެއެވެ. ހަމައެހެންމެ އިންސާނީ ވަގުފާރީގެ ތެރޭގައި ނާޖާއިޒު ގޮތުގައި މީހުންގެ މަންފާ ނެގުން ނުވަތަ އެކްސްޕްލޮއިޓޭޝަން މާނަކޮށްފައިވާ ގޮތްވެސް އިސްލާހުކުރުމަށް ހުށަހަޅާފައިވެއެވެ. ޓްރެފިކްކުރުމުގެ ކުށެއް ހިންގުމަށް ބޭނުންކުރާ ފައިސާއާއި މުދަލާއި ޓްރެފިކްކޮށްގެން ހޯދާ ފައިސާއާ މުދާވެސް ދައުލަތަށް ނެގޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެއެވެ. ހަމައެހެންމެ ޓްރެފިކްކުރުމުގެ ޝިކާރައަށްވާ ފަރާތްތަކަށް ކޯޓުން ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ ބާވަތްތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި މި އިސްލާހުތަކުގެ ބޭނުމަކީ އިންސާނީ ވަގުފާރީގެ ޙާލަތު ރާއްޖޭގައި އޮތް ގޮތް ބަދަލުކޮށް މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމުގެ ނިޔަތް ސަރުކާރުގެ ކިބާގައި އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދިވެހި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން އުފުލުމަށް އެއްބަސްވެފައިވާ އިލްތިޒާމުތަކާ އެއްގޮތަށް ރާއްޖޭގެ ޤާނޫނީ ނިޒާމު ބައްޓަންކުރުން ކަމުގައި އިސްލާހުތައް ހުށަހެޅުއްވި މެންބަރު ޖީހާން ވިދާޅުވިއެވެ. ސަރުކާރުންވަނީ 12 މާއްދާއަށް 12 އިސްލާހެއް ހުށަހަޅާފައެވެ. އެގޮތުން ޓްރެފިކްކުރުމުގެ ތެރޭގައި ރެކްރޫޓުކުރުމާއި، ހާބާކުރުމާއި، ޑިސީވްކުރުން ހިމަނައި އެކަންކަމަކީ ކުށްތަކެއް ކަމުގައި ހަމަޖައްސަން ހުށަހަޅާފައެވެ. ހަމައެހެންމެ އެކްސްޕްލޮއިޓޭޝަން ނުވަތަ ނަހަމަ ބޭނުން ހިފުމުގެ މާނަ ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ. އެކްސްޕްލޮއިޓޭޝަންގެ މާނަ ފުޅާކޮށް، އެކްސްޕްލޮއިޓޭޝަނާ ނުލައި ހަމައެކަނި ވަގުފާރިކުރުމަކީވެސް ކުށެއް ކަމުގައި މި ބިލުން ކަނޑައެޅިގެން ދާނެއެވެ. އޭގެ އިތުރަށް ޓްރެފިކްކުރުމަށް ބޭނުންކުރާ މުދަލާއި ފައިސާއާއި ޓްރެފިކްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ވަކި މާއްދާއެއް މި ބިލުން ޤާނޫނަށް އިތުރުކުރަން ހުށަހަޅާނެ ކަމުގައި ޖީހާން ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ