އެމްއާރްޑީސީން ބޭއްވި ކުޑަކުދިންގެ ހަވީރު ވަރަށް ތަފާތު، ބޮޑު ތަރުހީބެއްވެސް ލިބުނު

ގިނަ އަދަދެއްގެ ކުޑަކުދިންގެ ބައިވެރިވުމާއެކު މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން އިއްޔެ ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ މިހާތަނަށް މާލޭގައި ބޭއްވި އެންމެ ތަފާތު ކުޑަކުދިންގެ ހަވީރެވެ. މި ހަވީރަށް އައުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކަށް އިންވިޓޭޝަންވެސް ފޮނުވާފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ވަރަށް ތަފާތު އިންވިޓޭޝަން ކާޑަކާވެސް އެކުގައެވެ.
"އެމްއާރްޑީސީ ކިޑްސް ފިއެސްޓާ" ގެ ނަމުގައި އިއްޔެ ހަވީރު 16:00 ގައި ރަސްފަންނުގައި ކުރިއަށްދިޔަ މި ކުޑަކުދިންގެ ހަވީރަކީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަވީރެކެވެ.
ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރުތަކާއެކު ހިންގި މި ކުޑަކުދިންގެ ހަވީރަށް ކުދިންނާއި ބެލެނެވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށް އެމްއާރްޑީސީން ބުނެއެވެ.
އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންގޮސްފައި ވަނީ 16:00 އިން 18:00 އަށް ނަމަވެސް، އެ ހަވީރު ކުރިއަށް ގެންދިޔަ ގޮތް ވަރަށް ގިނަ ބަޔަކަށް ކަމުގޮސް ވަގުތު އިތުރުކޮށްދިނުމަށްވެސް އެދުނު ކަމަށެވެ. ބައެއް ބެލެނެވެރިން ވެސް ވަނީ މިކަހަލަ ކުޑަކުދިންގެ ހަވީރެއް އަދި ނުދެވޭކަމަށް ބުނެފައެވެ.
އެމްއާރްޑީސީގެ އެކި ޑިޕާޓްމެންޓްތައް ވަކިވަކިން ސްޓޯލްތައް ހަދައިގެން ކުރިއަށްދިޔަ މި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ފުޓްސެލް، ޕަޒްލް، އަދި އެމްއާރްޑީސީގެ ވެހިކަލްތަކާއެކު ފޮޓޯ ނެގުމުގެ އިތުރުންވެސް، ތަފާތު އެތައް އެތައް ކުޅިވަރުތަކެއް ކުރިއަށް ދިޔައެވެ.
އެމްއާރްޑީސީން ބުނީ، އިއްޔެގެ ހަވީރު ކުރިއަށްދިޔަ ވަގުތު މިފްކޯއިން ސްޕޮންސާކޮށްގެން މަހުގެ ބާވަތްތައް މިފްކޯގެ ޝެފުންގެ އެހީގައި ތައްޔާރުކޮށްގެން ވިއްކާފައިވާނެކަމަށެވެ. އަދި އޭގެން ލިބުނު ފައިސާ ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ކުޑަކުދިންގެ ހިޔާއަށްކަމަށްވެސް އެމްއާރްޑީސީން ބުނެއެވެ.
އަދި އޭގެ އިތުރުން، އެ ހަވީރަށް ފެން ފޯރުކޮށްދީފައި ވަނީ އެމްޑަބްލިވްއެސްސީންނެވެ. އަދި ކަރަންޓް ފޯރުކޮށްދީފައި ވަނީ ސްޓެލްކޯއިންނެވެ. ނަމަވެސް އިއްޔެ ހަވީރު ކަރަންޓް ދިނުމުގައި މާލެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓް ނުދެވުމުގެ ސަބަބުން ކުރިއަށްގެންދިޔުމަށް ރޭވި ބައެއް އިވެންޓްތައް ކުރިއަށް ނުގެންދެވުނުކަމަށް އެމްއާރްޑިސީން ބުނެއެވެ.
މި ފިއެސްޓާގެ ކުޅިވަރުތައް މަޖާވެފައި ވަރަށް ތަފާތުކަމަށް ގިނަ ބަޔަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ