ވީޓީވީއަކީ ވަރަށް މަގުބޫލު ޗެނަލްއެއްކަމަށާ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އިޚްލާސްތެރިކަމާއިއެކު ދެމިތިބުމަށް ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ވީޓީވީގެ އަހަރާއި ދުވަހާއި ގުޅޭގޮތުން ދެއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ވީޓީވީއާއި ވީމީޑިއާގެ ޚިދުމަތް ރައްޔިތުން ބަލައިގަންނަނީ ވަރަށް އުފަލުގައިކަމަށާ ދިވެހިންގެ މެދުގައި ވީޓީވީއަކީ ވަރަށް މަގުބޫލް ޗެނަލްއެއްކަމަށެވެ.
އަދި ވީޓީވީން މިދިޔަ 9 އަހަރުތެރޭ ރާއްޖޭގައި މިހާތަނަށް މީޑިއާއަކުން ނުކުރެވޭ އެތަށްކަމެއް ކޮށްފައިވާކަމަށާ އެއީ ވަރަށް ވީޓީވީއަށް ލިބިފައިވާ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.
އެގޮތުން ފުރަތަމަ ފަހަރަށް އެޗްޑީ ކޮލިޓީގައި ވޯލްޑްކަޕް ދެއްކުމާއި، ފުރަތަމަ ފަހަރަށް ރާއްޖެއަށް ހުޅުވާލައިގެން އަގުބޮޑު ލަވަ މުބާރާތެއް ބޭއްވުމާއި، މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ފުރަތަމަ ލައިވް ކުރުން ރައީސް މައުމޫން ވަނީ ފާހަަގަކުރައްވާފައެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވަނީ ވީމީޑިއާއިން ބަހައްޓަވަމުން ގެންދަވާ ގާތްކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި އަބަދުވެސް ވީޓީވީން ސާބިތުކަންމަތީގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސް މައުމޫން ވިދާޅުވީ ވީޓީވީގެ ޚިދުމަތް ރައްޔިތުން ލިބިގަންނަނީ އުފުލާއެކުކަމަށް ވިދާޅުވެފައެވެ.
އަދި ވީމީޑިއާގެ ބާނީއަކީ ނަމޫނާ ބޭފުޅެއްކަމަށާ ގާސިމް އިބްރާހިމް ދިވެހި އެތަށް ރައްޔިތަކަށް ވަޒީފާގެ ފުުރުސަތުތަކާއި، ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.
"އަދި މި ނޫން އެކިގޮތްގޮތުންވެސް ގާސިމް އިބްރާހިމްގެ އެހީތެރިކަން ރައްޔިތުންނަށް ދަނީ ލިބެމުންނެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ މިއަދު އޮތް ސަރުކާރަކީ ގާސިމް އިބްރާހިމްގެ ވަރަށް ބޮޑު ގުރުބާނީއެއްގެ ސަބަބުން ވުޖޫދުވެގެންދިޔަ ސަރުކާރެއްކަމަށާ ނަމަވެސް މިއަދު ގާސިމާއިމެދު ކަންކަން ކުރެވެމުންދާގޮތާއިމެދު ވަރަށް ހިތާމަކުރާކަމަށެވެ.
އަދި ގާސިމަކީ ކުރިންވެސް އެމަނިކުފާނު ވިދާޅުވިގޮތަށް ގައުމީ ބަތަލެއްކަމަށާ އެމަނިކުފާނަށް ބޭނުންވާ ސިއްހީ ފަރުވާ ލިބިގަތުމަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވާކަމަށެވެ.
ރައީސް މައުމޫން ވަނީ ވީމީޑިއާގެ އަހަރީ ދުވަހުގެ ތަހުނިޔާ ހުރިހާ މުވައްޒިފުންނާއި، ވީމީޑިއާގެ އިސްވެރިންނަށް ފޮނުއްވާފައެވެ.
ވީޓީވީއަކީ ވަރަށް މަގުބޫލު ޗެނަލްއެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ