ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފް ދޫކޮށްލައިފި

ރޭ މެންދަމު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު މާރުކޭޓް ސަރަހައްދުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ދޫކޮށްލައިފިއެވެ. މަހުލޫފް ބަންދުން ދޫކޮށްލީ މިއަދު ކްެރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާނުލައިއެވެ. މަހުލޫފްގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކީ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ. ރޭ އޭނާ ހައްޔަރުކުރީ މީޑިއާއަށް އިންޑިވިއުދެއްވަން ހުންނަވަނިކޮށް މަރުކޭޓް ކައިރިންނެނެވެ. މަހުލޫފްގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ފުލުހުން މިއަދު ކޯޓުގައި އެދުނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށްވާތީ މަހުލޫފް ދޫކޮށްލަން ގާޒީ އަމުރުކުރެއްވި ކަމަށް އެނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ