ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަންސް ބާއްވަން ނިންމާ އެކަމުގައި ކުރިއަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެމައްސަލާގައި ރޭ ގޮތެއް ނިންމުމާ އެކު މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ކޮމިޝަނުން ބުނުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ހަސަން ވިދާޅުވީ ކޮމިޝަންގެ އެ ނިންމުމަކީ މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އިއްވި ހުކުމާއި އަދި އޭގެ ފަހުން ނެރުނު އަމުރާއި އަދި ވަކިން ހާއްސަ ގޮތެއްގައި ސުޕްރީމް ކޯޓުން ރޭގައި ނިންމި ނިންމުމާ ކަނޑައެޅިގެން ހިލާފަށް ކޮމިޝަނުން ނިންމާ އަމިއްލަ ނިންމުމެއް ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ އެއީ [ބައި އިލެކްޝަން ބާއްވަން ނިންމުން] ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް. ސުޕްރީމް ކޯޓުން ގޮނޑިތައް ނުގެއްލޭނެ ކަމަށް ބުނެފައި އޮއްވާ އެކަން އެކުރަނީ،" ކުރީގެ ޔޫތް މިނިސްޓަރު ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ ދެކޮޅަށް އަމަލުކުރުމުން މީގެ ކުރިން ވެސް އެ ކޯޓުން ބައެއް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުންތަކާއި، މުއައްސަސާތަކުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ހިލާފަށް އެއްވެސް މުއައްސަސާއަކަށް އަމަލުކުރެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންނާ އެކު އެއްވެސް އިންތިހާބެއްގައި ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކޮމިޝަންގެ މެންބަރުންނަށް ފާޑު ވިދާޅުވަމުން ހަސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަން ފަދަ ކޮމިޝަނަކަށް ކުފޫ ހަމަވާ ބޭފުޅުން ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރޭގެ ނިންމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ގުޅިފައިވާ ޕާޓީ ތަކުން ގެންދަނީ އެބަޔަކު ބޭނުންވާ ގޮތަކަށް މާނަކޮށް އުފާފާޅުކުރަމުންނެވެ. ސަރުކާރަށް ތާއީދު ކުރާ ބޭފުޅުން ވިދާޅުވަނީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަން ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާލުމުން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީ ތަކުގެ ބޭފުޅުން ގެންދަވަނީ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.
ބައި އިލެކްޝަންތައް ބާއްވަން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް: ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ