ނަޝީދާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ، ޕާޓީ ދެފަޅިއެއް ނުވާނެ: ފައްޔާޒު

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް، އެޕާޓީގެ ޗެއާޕާސަން ކަމަށް މިއަދު އިންތިޚާބު ކުރި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ވާދަވެރިކޮށް ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައިގެން މިނިސްޓަރު ފައްޔާޒް މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް "ސަން" އަށް ލިބިފައިވާ ނަތީޖާއިން ދައްކަނީ ގާތްގަނޑަކަށް 7000އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ވެއްޖެކަން ޔަޤީން ވުމުން ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން ޗެއާޕާސަން ކަމަށް އިންތިޚާބު ވުމުގެ އުފާ ފާޅު ކުރުމުގެ ގޮތުން ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމުގެ ތެރޭގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދަކީ އެކުގައި ގުޅިގެން މަސައްކަތް ކުރައްވާ ހިތްޕުޅުވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެހެންކަމުން އެއްވެސް މީހަކާ ޒާތީ ގޮތުން ރުޅިވެރިކަމެއް ނޯންނާނެ ކަމަށެވެ. "އަޅުގަނޑު ދެކެނީ ނަޝީދަކީ ވެސް އެކަހަލަ ބޭފުޅެއް ކަމަށް. ސިޔާސީ ގޮތުން ކުރަންޖެހޭ ކަމެއް އެމަނިކުފާނު ކުރައްވާނެ. ނަމަވެސް އަޅުގަނޑަށް ހީވަނީ ނަޝީދާ އަދި އިންތިއާ، އިންތިގެ ޓީމާއެކު ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ގުޅިގެން ކުރެވޭނެ ކަމަށް. އެބޭފުޅުންނާ އެއްކޮށް މި ޕާޓީ ހިންގާލުމުގެ މަސައްކަތުގައި އަޅުގަނޑުގެ އަތް މި ވަނީ ހުޅުވިފައި،" ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީގެ ޗެއާ ޕާސަން ކަމަށް އިންތިޚާބު ވެއްޖެކަން ޔަޤީން ވުމުން ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން ފައްޔާޒު ވިދާޅުވީ މީގެ ކުރީން ވެސް ޕާޓީ ތެރޭގައި އެފަދަ ވަރުގަދަ އިންތިޚާބުތައް ހިނގާފައި އެބަހުރި ކަމަށާއި އެހެންކަމުން މި އިންތިޚާބަށްފަހު ޕާޓީ ދެފަޅި ވެދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "ވާދަ ވެރީން ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަ ތަކަށް އަޅުގަނޑު ހިތްބުރަ ކަމެއް ނުބާއްވާނަން. އެހެންވީމަ އަޅުގަނޑާއެކުގައި އެބޭފުޅުންނަށް މަަސައްކަތް ކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ. އެބޭފުޅުން ވެސް ދެކެވަޑައިގަންނަވާނީ ހަމަ މި ގޮތަށް ކަމާމެދު އެއްވެސް ޝައްކެއް ނުކުރަން،" ފައްޔާޒު ވިދާޅުވިއެވެ. ޗެއާޕާސަން ކަމުގައި ކުރައްވާނެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ކެންޕެއިން ތެރޭގައި ވެސް ވިދާޅުވެފައިވާނޭ ފަދައިން ޕާޓީގެ އިސްލާމީ އެންމެ މަތީ މަޖިލީސް ޤާއިމު ކުރެއްވުމުގެ މަސައްކަތެވެ. އެއަށްފަހު ހަރުގެ ތަކާއި ޖަގަހަތައް ކުރިއަށް ގެންދެވޭނޭ ގޮތެއް ރާވައި އެކަންކަން ތަންފީޒު ކުރުން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ޗެއާޕާސަން ކަމަށް އިންތިޚާބު ވެއްޖެކަން ޔަޤީން ވުމުން ސަޕޯޓަރުންނާއިއެކު އުފާ ފާޅު ކުރައްވަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން އޭގެ އިތުރުން އެމްޑީޕީގެ ސިޔާސަތުތައް ކަނޑައަޅައި ކޮމެޓީތަކުގެ މަސައްކަތް އަލުން ފަށައި ސަރުކާރާ ގުޅިގެން ސިޔާސަތުތައް ކަނޑައެޅުމާއި 2023އާ ހަމައަށް ދާއިރު، ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭ މަޝްވަރާ ކުރެވި، އަދި ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް މަޝްވަރާ ހޯދައިގެން ކުރިއަށް ވަޑައިގަތުމަކީ ވެސް ފައްޔާޒުގެ ވައުދުކެވެ. ފައްޔާޒު ވިދާޅުވީ މި ވޯޓަކީ ހަމައެކަނި އޭނާއަށް ދިން ވޯޓެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "އަޅުގަނޑު ދެކެނީ މިއީ ދެހާސް ތޭވީސް ހޯދުމަށް ޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާ އެއްކޮށް ޕާޓީ މަސައްކަތް ކުރުން ކަމަށް ޕާޓީގެ ހުރިހާ ލީޑަރުންނަށް އާއްމު މެންބަރުން ދިން މެސެޖެއްގެ ގޮތުގައި،" ފައްޔާޒު ވިދާޅުވިއެވެ. ޗެއާ ޕާސަން ކަމަށް އިންތިޚާބު ވެއްޖެކަން ކަށަވަރު ވުމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މިއަދު ދިން ވޯޓަކީ ރައްޔިތުން އެދުނު ފަދައިން ޕާޓީ ހިންގާލާ، އެމްޑީޕީ އާއި ސަރުކާރާ ގުޅިގެން ކުރިއަށް އޮތް 2023ގެ ރިޔާސީ ކާމިޔާބު ކާމިޔާބު ކުރުމަށް ޓަކައި ދިން ވޯޓެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި އިންތިޚާބުގައި ވޯޓު ދިން ހުރިހާ މެންބަރުންނަށް ހިތުގެ އިޚުލާސްތެރި ޝުކުރު އަދާ ކުރައްވާފައެވެ. މި އިންތިޚާބުގައި ޖުމުލަ 94،211 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާއިރު، މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ބެހެއްޓި ވޯޓު ފޮށީގެ އަދަދަކީ 282އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައި ބެހެއްޓި 87 ވޯޓު ފޮއްޓާއި ރަށްރަށުގައި ބެހެއްޓި 194 ފޮއްޓެވެ. ޕާޓީގެ ޗެއާޕާސަން އަދާކާން ޖެހޭ މައިގަނޑު ވާޖިބުތަކުގެ ތެރޭގައި ކޮންގްރެސް އާއި ޤައުމީ މަޖިލީހުގެ އިތުރުން ޕާޓީގެ ހިންގާ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓުމެވެ. އަދި ޗެއާޕާސަންގެ މަޤާމު ފިޔަވައި ކޮންގްރެސް އިން ބާއްވާ އެހެން ހުރިހާ އިންތިޚާބުތަކެއް އިންތިޒާމްކޮށް ރޭވުމާއި ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބު އިންތިޒާމްކޮށް، ރޭވުން ހިމެނެއެވެ. މީގެ އިތުރުން ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުމާއި ޤައުމީ މަޖިލީހާއި ޤައުމީ ހިންގައި ކޮމިޓީގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒު ކުރުމުގެ އިތުރުން ޕާޓީގެ ފަރާތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކާ މުއާމަލާތު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ