ގާޒީ ނިހާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި މައްސަލަ އިސްތިއުނާފު ނުކުރެވޭނެ: ހައިކޯޓު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުވާ އުފުލާފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ނެރުނު އަމުރު އިސްތިއުނާފު ކުރެވެން ނެތް ކަމަށް ހައިކޯޓުން ބުނެފިއެވެ. ނިހާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ ނިންމި ނިންމުމުގައި ވަނީ، ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ކަމަށް އެނގެން އޮންނަ ކަމަށެވެ. ހައިކޯޓުގެ ގަޒިއްޔާއެއްގައިވާގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވައި ޝަރީއަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެ މައްސަލައެއް ބައްލަވާ ގާޒީއަށް ލިބިގެންވާ ތަގްދީރީ ބާރެއްކަން އެނގެން އޮންނަ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ. އެހެންކަމުން ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާ ހަސަން އަލީ ވަނީ ކަނޑައަޅާފައެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިހާންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ކުރިން އޭނާ ވަނީ ގާނޫނީ ވަކީލެއް މެދުވެރިކޮށް އެކަމަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ނަވެސް މައްސަލައިގެ ބާވަތުން ކަމަށް ވިދާޅުވެ ގާޒީ އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް އަމުރުކުރީ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމެއް ނެތިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ