ކުރީގެ ސަރުކާރުން ބޮޑު ހިލަޖެހުމުގެ މަޝްރޫއު ހުޅުދޫއާ ހަމައިން ހުއްޓާލި: މެމްބަރު ރޮޒައިނާ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ބޮޑު ހިލަޖެހުމުގެ މަޝްރޫއު ހުޅުދޫއާ ހަމައިން ހުއްޓާލީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީ މީދޫ ގިރާ ސަރަހައްދުގެ މަސައްކަތް ލަސްވަމުންދަނީ ޖަޕާންގެ އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ އިން އެ މަސައްކަތް ފެށުމުގެ ކުރިން ބަލަންޖެހޭ ގިނަ ކަންތައްތައް ބަލާ އިތުރަށް ދިރާސާކޮށް އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ބޮޑު ހިލަޖެހުމުގެ މަޝްރޫއު ހުޅުދޫއާ ހަމައިން ހުއްޓާލީ ކަމަށާއި އެހެންނަމަވެސް އޭރުވެސް ބޮޑަށް ގިރަމުން ދިޔަ ރަށަކީ މީދޫ ކަމަށެވެ. އަދި އެއީ މީދޫ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކޮށްފައިވާއިރު، ޖައިކާ އިން ސާވޭކޮށް މިހާރު އެކަން އޮތީ ޖައިކާގެ ހިލޭ އެހީގެ ދަށުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޕްރޮސެސްކޮށް އެކަމަށް ބޭނުންވާ ފަންޑުވެސް ލިބިފައިކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ޖިއޯ ބޭގްސް ހަލާކުވުމުގެ ކުރިން އެތަނުގައި ބޯޑާސްތައް ޖެހޭނެ ކަމަށާއި އިތުރަށް ނުގިރާ، ޖައިކާގެ މަސައްކަތް ފެށުންދެން ހިފަހެއްޓޭ ވަރު ސަރުކާރުން ކޮށްދޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ޖައިކާއިން އެ މަސައްކަތް އަތުލުމަށްފަހު އެމްޓީސީސީއާ ހަވާލުކޮށްފިނަމަ އިތުރު ޑިޕްލޮމެޓިކް މައްސަލަތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެ މަސައްކަތް ޖައިކާއިން ކުރުވުމަކީ މީދޫ ދާއިރާގެ ކައުންސިލަރާއި މެމްބަރު ރޮޒައިނާވެސް ބޭނުންވާ ގޮތް ކަމަށެވެ.
މީގެ އިތުރަށް ރޮޒައިނާ ވިދާޅުވީ ސިއްހީ މަރުކަޒު އެކްސްޓެންޑް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އިތުރު ތަންތަން އަޅާ ހޮސްޕިޓަލެއްގެ ފެންވަރަަށް ހުޅުމީދޫ ސިއްހީ މަރުކަޒު ގެންދިއުމުގެ ވިސްނުމުގައި ކަމަށާއި އަދި މީގެ ކުރިން ލޭގެ ޓެސްޓްތައް ހެދުމަށް ހިތަދޫއަށް ދާންޖެހޭ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން ހުޅުމީދޫ ސިއްހީ މަރުކަޒުން ސާމްޕަލް ނަގާ ފޮނުވުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަން މެމްބަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ