ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކަށް މިއަދުން ފެށިގެން ދާއިމީ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މީގެ ކުރިން ވަނީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ ހުރިހާ އިމާރާތްތަކުގައި ހިމެނޭ ހުރިހާ ފްލެޓަކަށް މިއަދުގެ ނިޔަލަށް ކަރަންޓު ދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެޗްޑީސީން ބުނީ، ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް15 އަދި އެޗް16 ވަނަ ޓަވަރަށް މިއަދުން ފެށިގެން ދާއިމީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓުގެ ހިދުމަތް ފޯރުކޮސްދިނުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ، މާދަމާއަށް އެ ޓަވަރުތަކަށްވެސް ދާއިމީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ، ފުލެޓްތަކުގެ އަމަލީ މަސައްކަތް ފަށާ އިރު، އެކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓުތަކުގެ ތެރެއިން 16 އެޕާޓްމަންޓުގެ ޓަވަރެއްގައިވާ ތިން ލިފްޓުން ދެ ލިފްޓު އަދި 20 އެޕާޓްމަންޓުގެ ޓަވަރެއްގައިވާ ހަތަރު ލިފްޓުން ތިން ލިފްޓު ބޭނުން ކުރެވޭނެ ކަމަށެވެ.
އަދި އެޗްޑީސީގެ މުވައްޒަފުން ޓަވަރުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި، އެކަމާ ގުޅޭ އިރުޝާދު ދެމުން ގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހިޔާގެ ދެ ޓަވަރަކަށް މިއަދު ކަރަންޓު ދެވޭނެ، ބާކީ ހުރި ފްލެޓުތަކަށް ކަރަންޓު ދެވޭނީ މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ