ފޮޒިޓިވް އަދަދު 76، ގިނައީ އަތޮޅުތެރެއިން

މިއަދު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވި 76 މީހުންނާއި އެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު 91،350 އަރައިފިއެވެ. އިއްޔެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވީ އަތޮޅުތެރޭ ރަށްތަކުންނެވެ.
އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 22 މީހުންނެވެ. އަދި ރިސޯޓްތަކުންވެސް 5 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މި ނަމްބަރުތަކާއި އެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91،350 އަރާފައެވެ.
ކޯވިޑް ޖެހިގެން މިވަގުތު 1794 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 105 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3820 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ކޯވިޑްގެ އައު ވޭރިއެންޓެއް އެފްރިކާގެ ޤައުމުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަތީ ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން އެފްރިކާގެ ބައެއް ޤައުމުތަކަށް ބައެއް ޤައުމަތަކުން ވަނީ ބޯޑަރުތައް ބަންދުކޮށްފައެވެ. ރާއްޖެއިން ވެސް ވަނީ އެފްރިކާގެ 7 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.
އެފްރިކާއިން އަލަށް ފެނުނު ވޭރިއަންޓަށް "އޮމިކްރޯން"ގެ ނަން ދީ މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ