އަނެއްކާވެސް މިވަނީ ކޮފީ މޫސުން ފެށިފަ- ވިސްނާލަންޖެހޭ އެންމެ މުހިންމު ކަންތައް-!

މާތް ﷲ ގެ ރަޙްމަތްފުޅުން ކޮރޯނާގެ ޙާލަތަށް ލުޔެއް ލިބުމުން އަނެއްކާވެސް މިވަނީ ކޮފީ މޫސުން ފެށިފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ފަޅަށްހުރި ކޮފީ ބޯ ތަންތަން މިވަނީ ހުޅުވިފައެވެ. ފެންނަނީ ފުރާލައި މީހުން ތިބެ ޚިދުމަތް ހޯދާތަނެވެ.
ބިރުވެތިވާށެވެ! ކޮރޯނާއިން ލުއި ލިބުނު އެމެރިކާފަދަ ޤައުމުތަކުގައި މިހާތަނަސް ފެނިފައިވާ ކޯރޯނާގެ އެންމެ ނުރައްކާތެރި ބާވަތްތައް އަލުން ފެށިދާނެ ކަމުގެ އިންޒާރު އެގެންދަނީ ދެމުންނެވެ. އިންޑިއާއިން ޙަޤީޤަތް ފޮރުވަން މަސައްކަތްކުރިނަމަވެސް އިންޑިއާ، އިނގިރޭސި ވިލާތް ފަދަ ޤައުމުތައި މިހާރުވެސް ޙާލަތު އޮތީ ހަމަ ބޮޑު ނުރައްކަލުގައެވެ.
ވީމާ ރާއްޖެއަށް މާތް ﷲ ދެއްވެވި ނިޢްމަތް ދެމެހެއްޓުމަށްޓަކައި ޝުކުރުވެރިވެ ރަޙްމަތުގައި ދެމިތިބެން މަސައްކަތްކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން އެތަންތަނުގެ ވެރިން ކަންބޮޑުވެ މުޒާހަރާކުރެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ނަމާދުވަގުތަށް ޚިދުމަތް ދިނުން މެދުކަނޑާލަންވެސް ބޭނުމެއް ނުވެއެވެ.
ޝުކުރުވެރިވާށެވެ! ނަމާދަށް ގޮވުމުން ވަގުތުން އިޖާބަދޭށެވެ! ކޮފީގައި ހޭދަކުރެވުނު ވަގުތު މަދުވެގެން ހިތާމަކުރާކަށް ނުޖެހޭނެއެވެ. ހިތާމަކުރަންޖެހޭނީ ނަމާދު ނުކުރެވުމުންނެވެ. ޖަމާޢަތުގައި ނަމާދުކުރުމުން ދެއްވަވާ ގިނަ ގުނަ ޘަވާބު ނުހޯދުނީތީއެވެ.
ކޮފީދޭ މީހާއަކީ ކިތަންމެ ގާތް ރަޙްމަތްތެރިއެއް ނަމަވެސް ނަމާދުވަގުތަށް ސަމާލުކަން ނުދޭނަމަ އޭނާއަކީ ތިބާގެ އެންމެ ބޮޑު ދުޝްމިނުކަން ހަނދާންކުރާށެވެ. ޝައިޚް އިލްޔާސް ޖަމާލުގެ މި ބަސްފުޅަށް ސަމާލުކަން ދޭށެވެ! "ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހަކީ ތިބާގެ މައްޗަށް ނަރަކައިގެ ޢަޛާބު ހުށަހެޅިދާނެ ކަމަށް ބިރުގަންނަ މީހާއެވެ. ޔަޤީން ކުރައްވާށެވެ! ތިބާގެ އާޚިރަތާއިމެދު ނުވިސްނާ މީހަކު ތިބާއަށް ޙަޤީޤީ ހެވެއް ނުއެދޭނެއެވެ."
--ޝައިޚް އިލްޔާސް ޖަމާލް
ޙަޤީޤީ ލޯބި ހާމަކޮށްދޭ އެންމެ މާނަފުން ޢިބާރާތްކަމަށްވިދާޅުވެ ޝައިޚް އިލްޔާސް ޖަމާލް ހާމަކުރައްވާފައިވަނީ އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް ދެއްވެވި ނަޞޭޙަތްފުޅެވެ. " އޭ ބައްޕާއެވެ! ހަމަކަށަވަރުން، ރަޙްމާން ވަންތަ ރަސްކަލާނގެ ޙަޟްރަތުން ޢަޛާބެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، ޝައިޠާނާގެ އެހީތެރިއެއް ކަމުގައެވެ. " (މަރްޔަމް: 45)
ޝައިޚް އިލްޔާސް ޖަމާލުގެ މިބަސްފުޅުން އެނގެނީ ބަންގީގެ އަޑު އިވޭކަމަށް ނުހަދައި ކޮފީ މޭޒުތަކުގައި ތިބޭ މީހުންނަކީ ޙަޤީޤީ އެކުވެރިން ނޫންކަމެވެ. ފާފަތަކާއި ފާފައަކަށް ވެދާނެ އެއްވެސް ކުރުމަށް ތިބާއަށް މަގުފަހިކޮށްދޭ އެއްވެސް މީހަކީ ތިބާގެ ޙަޤީޤީ އެކުވެރިއެއް ނޫން ކަމެވެ. އާޚިރަތް ދުވަހު ނަރަކައިން ތިބާ ސަލާމަތްކުރަން މަސައްކަތް ނުކުރާ އެއްވެސް މީހަކީ ޙަޤީޤީ އެކުވެރިއެއް ނޫން ކަމެވެ. އަދި އެފަދަ އެއްވެސް މީހަކީ ތިބާއަށް ހެޔޮ އެދޭނެ މީހެއް ނޫން ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ