ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ފަތުހީއަށް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދައިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރު މޫސާ ފަތުހީ އާދަމަށް ދީފިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ޓަކައި ޕްރައިމަރީއެއް ބޭއްވުމަށް ނިންމައި އެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްއިން ހުޅުވިއެވެ. ނަމަވެސް އެކަމަށް އެދި ފޯމު ހުށަހެޅުއްވީ ފަތުހީ އެކަންޏެވެ. އެހެންކަމުން އޭނާއަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިފައެވެ. ފަތުހީ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ 1986 ވަނަ އަހަރު ކޮމަންޑޫ ކުޑަކަތީބު ކަމުންނެވެ. އޭނާ ވަނީ ށ. އަތޮޅު، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ވެސް ފުރުއްވާފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމެންޓުގެ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ޕޮލިޓިކަލް އެސިސްޓެންޓުގެ މަގާމުވެސް އޭނާ އަދާކުރައްވާފައިވެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ށ. އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް ފަތުހީ އިންތިޚާބުވެވަޑައިގަތެވެ. އަދި އޭނާ އަކީ އެ ދައުރުގައި އަތޮޅު ކައުންސިލްގެ ރައީސެެވެ. ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލްކޮށްފައިވާ ފަތުހީ އަކީ އަންގިލާ ރުސްކިން ޔުނިވާސިޓީ ކޭމްބްރިޑްޖް ކެމްޕަސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ބޭފުޅެއްވެސްމެއެވެ. ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދުއެވެ. ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބާވާނެކަމަށް އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ