ގާޒީ ފާއިޒުގެ ސަސްޕެންޝަން އުވާލައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން އުވާލުމަށް ޖޭއެސްސީން ނިންމައިފި އެވެ.
ގާޒީ ފާއިޒު 60 ދުވަހަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓުން ހަދައި، އެ އޯޑިއޯތަކުގައި ވާ އަޑުތަކުގެ ތެރެއިން ގާޒީ ފާއިޒުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ އެވެ.
ޖޭއެސްސީން މިރޭ ބުނީ ގާޒީ ފާއިޒު މަސައްކަތުން ސަސްޕެންޑުކޮށްފައިވަނިކޮށް، މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓްއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ.
"އެ ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވެއެވެ" ޖޭއެސްސީން ބުނެ އެވެ.
މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ގާޒީ ފާއިޒު މިމައްސަލައާ ގުޅިގެން ވިދާޅުވެފައިވާތީ އާއި، މޯލްޑިވްސް ޕޮލިސް ސަރިވެސްގެ ފަރާތުން މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓުން ހައްދާފައިވާ ފޮރެންސިކް ރިޕޯޓުގައި ލީކްވި އޯޑިއޯތަކުގައިވާ އަޑާއި ގާޒީ ފާއިޒުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވާތީ އޭނާގެ ސަސްޕެންޝަން އުވާލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ