ތިނަދޫ ޒަމާނީ، އިންޖީނުގެ ނިންމައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޚިދުމަތްދޭން ފަށަނީ

ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ސަރަޙައްދީ އިންޖީނުގެއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޒަމާނީ އަދި އެންމެ ބޮޑު އިންޖީނުގެ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު އެތަނުން ޚިދުމަތްދޭން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޞަޢީދު ވިދާޅުވެއްޖެއެވެ.
2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައިވަނީ އެތަން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް ތިނަދޫއަށް ކަރަންޓުގެ ޚިދުމަތްދެމުންގެންދަނީ އިންޖީނުގެ ސަރަޙައްދުގެ މަގުމަތީގައި ހިޔާކޮށްގެން ހަދާފައިވާ ވަގުތީ ތަނެއްގައެވެ.
ސަރުކާރުން ގދ.ތިނަދޫގެ އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ތިނަދޫ އިންޖީނުގޭގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޞަޢީދު ވިދާޅުވީ، ތިނަދޫ އިންޖީނުގެގޭ މަސައްކަތް އެންމެ ހިންހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް އުންމީދަކީ ދާދި އަވަހަށް އެތަނުން ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
މިހާރު ކުރިއަށްދަނީ އިމާރާތުގެ ފާރުތަކުގައި ވޯލްސީލާ ލުމާއި ކުލަލުންފަދަ މަސައްކަތްތައްކަން ފާހަގަކުރައްވައި ޞަޢީދު ވިދާޅުވީ، ތިނަދޫ އިންޖީނުގެ ނިމިގެންދިޔުމުން އެރަށުގައި އެ ޤާއިމްކުރެވުނީ ދިވެހިރާއްޖޭގެ ރަށެއްގައި ޤާއިމްކުރެވޭ އެންމެ މިޒަމާނުގެ އިންޖީނުގެ ކަމަށެވެ.
"އެއްވެސް އަޑެއް ނުހުންނާނެ. ހަމަ މާލޭގައި އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް ކުރެވޭ އިހުސާސް ހަމަ ތިނަދޫގެ އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކުރެވޭނެ. މާނައަކީ އިންޖީނުގެއް ހުންނަކަން އެނގޭނީ. އަޑެއް ނުހުންނާނެ. ހަމަ އެތަންތަނަށްވެސް ބޭނުންކޮށްފައިހުރި މެޓީރިއަލް ބޭނުންކޮށްގެން ތަން ހަދާފައިވާނީ" އަޙްމަދު ޞަޢީދު ވިދާޅުވިއެވެ.
100 ކިލޯ ވޮޓްއިން ފެށިގެން 1000 ކިލޯވޮޓްއާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލްކުރުމުގެ ޤާބިލްކަން މިހާރު އެބަހުރިކަމަށް ފެނަކަައިން ހާމަކޮށްފައިވެއެވެ. މި އިންޖީނުގެއާއެކު ތިނަދޫ ހިމެނޭ ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޚިދުމަތްތައް ފުޅާކޮށް މައްސަލަ ދިމާވާ ޖެންސެޓްތަކާއި އެހެނިހެންވެސް ކުންފުނިން ގެންގުޅޭ މެޝިނަރީޒްތައް އެސެމްބަލްކޮށް، މަރާމާތު ކުރުމަށް އެރަށުގައި ސަރަހައްދީ ވޯކްޝޮޕެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އެވޯކްޝޮޕް އޮޕަރޭޝަނަަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.
"ސަރަޙައްދީ ބޮޑު ވޯކްޝޮޕެއް ތިނަދޫގައި ހަދަނީ. އަންނަ އަހަރުގެ މެދުތެރޭގައި އެތަން ބޭނުންކުރެވެން ފަށާނެ. އެތަން ވެގެންދާނީ ރާއްޖޭގައި ހުރި އެވަރުގެ އެންމެ ކޮލިޓީ ރަނގަޅު، ޚިދުމަތްދެވޭ ބޮޑު، ވޯކްޝޮޕަކަށް ވެގެންދާނެ" ޞަޢީދު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ ވޭތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގައި ދޭތެރެދޭތެރެއިން ކަރަންޓުކެނޑޭ މައްސަލައަށް ފުރިހަމަ ޙައްލެއް ގެންނަވާފައެވެ. އަދި ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބޭރުން އިންޖިނިއަރުންނާއި ޓެކްނީޝަނުން ގެންނަ ގެނައުން ނިމުމަކަށް ގެނެސް، މިހާރު އެމަސައްކަތްތައް ކުރަނީ އެކުންފުނީގެ ހުނަރުވެރި ޤާބިލު ޓެކްނީޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ