ކޯޓު ހުކުމާ ޚިލާފު އެންގުމަކަށް ގާސިމް ތަބާވާންނުޖެހޭ: ރިޔާޒު

ކޯޓު ހުކުމަކާ ޚިލާފަށް ސަރުކާރުން އެންގުމެއް އެންގިޔަސް ތަބާވާންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުން ޖަރުމަނަށް ވަޑައިގަތުމަކީ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށާއި އެމަނިކުފާނު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުންނެވެ.
ރިޔާޒު ވިދާޅުވީ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކުރި ހުކުމާ ޚިލާފަށް ސަރުކާރުން އަންގާފައިވާ އެންގުމަކަށް އެމަނިކުފާނު ތަބާވާން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބޭސްފަރުވާގެ ކަންކަން ނިމުމުން ގާސިމް އިބްރާހީމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެރޭ ދަންވަރު ކްރިމިނަލް ކޯޓުން ގާސިމް އިބްރާހީމްގެ މައްޗަށް އިއްވި 3 އަހަރުގެ ޖަލުހުކުމުގައި ވަނީ އެމަނިކުފާނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދިނީ ގާސިމް އިބްރާހީމް އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކުރެވިފައި ވަނިކޮށް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި އިއްވި އެހުކުމަށް ދެހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ސިންގަޕޫރުން ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު އިހައްދުވަހު ޖަރުމަން ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެގައުމަށް ވަޑައިގަތީ ސިންގަޕޫރުގައި ފަރުވާދެއްވި ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ އެމަނިކުފާނުގެ ޚާއްސަ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެއެވެ. އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ޒަމާނުއްސުރެ ކުރިއަށްގެންދެވީ ޖަރުމަނުގައި ކަަމަށް ވެސް ވަކީލުން ވިދާޅުވެއެވެ.
ގާސިމް އިބްރާހީމްގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ އެމަނިކުފާނު ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް އެސަރވިސްގެ ފަރާތުން އެންމެފަހުން އައު ކޮށްދީފައިވަނީ 2 އޮކްޓޯބަރު 2017 ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން، މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެމަނިކުފާނަށް ކުރިޔަށް ގެންދަވަން ޖެހިވަޑައިގަތީ އެގައުމުގެ ސަރުކާރުން ދިން ސްޕެޝަލް ވިސާއެއްގެ ދަށުން ނުހަނު ދަތި އުނދަގުލުގައި ކަމަށެވެ.
ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، އަދި ކްރިމިނަލް ކޯޓުން ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާ ގޮތާވެސް ޚިލާފަށް އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ތަކުރާރުކޮށް އަމަލުކުރަމުން ގެންދާ މައްސަލައަށް މިއަދާ ހަމައަށްވެސް ހައްލެއް ލިބިފައި ނުވާ ކަމަށްވެސް ވަކީލުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ