ޕީޕީއެމްގެ ޓިކެޓު ބޭނުމެއް ނޫން، ބޭނުން ވަނީ ރައީސް ޔާމީން މިނިވަން ވާން: ވަހީދު

ދެން އޮންނަ ރިޔަސީ އިންތިހާބެއްގައި ވާދަކުރަން ޕީޕީއެމްގެ ޓިކެޓް ބޭނުންފުޅު ނުވާ ކަމަށާއި ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީން މިނިވަން ވާން ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އަވަސް ނޫހުން ގެނެސްދޭ "ފަށަމާ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމު ހުށައެޅުމުން އެ މަގާމު ގަބޫލު ކުރެއްވީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ޕީޕީއެމްގެ އިސް މަގާމަކަށް ވަޑައިގެންނެވީ ހޯއްދަވަން ބޭނުންފުޅުވާ ޝަރަފުވެރި ކަމެއް ނުވަތަ މަގާމެއް އޮވެގެން ނޫން ކަމަށެވެ.
ވަހީދު ވިދާޅުވީ ރިޔާސީ ޓިކެޓަށް ޝައުގުވެރި ކަން އެ މަނިކުފާނުގެ ނެތް ކަމަށާ އަދި ޕީޕީއެމުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހުށައަޅުއްވަން ޖެހޭ ސަބަބެއް ވެސްް ނެތް ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި 2023 އަށް ޕީޕީއެމަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން މިހާރުވެސް ކަނޑައެޅި ނިމިފައި ކަމައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ކޯލިޝަނުން އޮތީ މިހާރު ވެސް ގޮތެއް ކަނޑައަޅާ ނިންމާފައި. އެއީ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން. ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު މިނިވަންވާނެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި އިންތިހާބުގައި ވާދަ ކުރައް ވާނީ ވެސް ރައީސް ޔާމީން." ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ