ގާނޫނުއަސާސީގައިވާ ގޮތުން އަމުރަށް ކިޔަމަން ނުވާ މެންބަރުން ނެރެން ޖެހޭނީ އެމްއެންޑީއެފް މެދުވެރިކޮށް: ޝަރީފް

ގާނޫނުއަސާސީގައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމުރަށް ކިޔަމަންތެރި ނުވެއްޖެނަމަ، މަޖިލިސް މެންބަރުން މަޖިލީހުން ނެރެން ޖެހޭނީ އެމްއެންޑީއެފް މެދުވެރިކޮށް ކަމަށް އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް އާދަމްޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޝަރީފް މިހެން ވިދާޅުވެފައި މިވަނި، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ކޯލީޝަން ޕާޓްނަރު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން ވެސް ޖަލްސާއިން ނުނިކުންނެވުމުން، އެމްޑީޕީ މެންބަރުން އޭނާގެ ގައިގައި އަތްލައި ކޮށްޕާފައި ޖަލްސާއިން ނެރުނު މައްސަލައިގައެވެ.
އެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، އެމްޑީޕީ މެންބަރުން އެރޭ ޝިޔާމު ނެރުނީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ކަމަށެވެ. އެ ހާދިސާގައި އެމްޑީޕީގެ މެންބަރުންނާ ޝިޔާމާ ދެމެދު ހަމަނުޖެހުން ހިނގައި ޝިޔާމަށް އަނިޔާ ވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ގާނޫނުއަސާސީގެ 239 ވަނަ މާއްދާގައި ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް މަޖިލީހުގެ ބާރު ހިންގޭނެ ކަމަށް އަދި ގާނޫނުއަސާސީގެ 105 ވަނަ މާއްދާގައި ސަލާމަތީ ހިދުމަތްތަކުން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނެކަމަށް ބުނެފައިވާއިރު، މަޖިލިސް ރައީސްގެ އަމުރަށް ކިޔަމަންތެރި ނުވެއްޖެނަމަ މަޖިލިސް މެންބަރުން ނެރެން ޖެހޭނީ އެމްއެންޑީއެފް މެދުވެރިކޮށް،" ކަމަށެވެ.
ގާނޫނުއަސާސީގެ 239 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ސަލާމަތީ ކޮންމެ ހިދުމަތެއް އިންތިޒާމު ކޮށް ހިިންގާނޭ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެ ކަމަށެވެ. އަދި (ށ) ގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތަކުގެެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ 105 މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގެ އާއި، އެ ގޭގެ ގޯތި ތެރެ އާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކަމަށެވެ. (ށ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ