ޑޮކްޓަރ ވަހީދާ ގުޅޭ ގޮތުން ހުށަހަޅައިފައިވާ މައްސަލައިގައި ވަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް: މެމްބަރު އުޝާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސްއެސްޓީއޯ ސިންގަޕޯރ ކުންފުނިން ތެލުގެ ވަގު ވިޔަފާރި ކުރި ގޮތުގެ ތަޙްޤީޤް ރިޕޯރޓެއް ކުރީގެ ރައީސް ޑޮކްޓަރ ވަހީދު ދައުލަތުގެ ނަމުގައި ބައްލަވައިގަނެ ފޮރުވައިފައިވާ ކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައިގައި ވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެކަން ހިނގައި ދިޔަ ގޮތް ރައްޔިތުންގެ މަޖިލީހުގައި ވިލިމާލޭ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ސާފަކޮށްދެއްވައިފިއެވެ.
މެމްބަރު އުޝާމް ވިދާޅުވީ ޚިޔާލީ ވާހަކަތަކެއް ލިޔެހުށަހެޅުމަކުން އެއީ ހަޤީޤަތަކަށް ނުވާނެކަމަށެވެ އެމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދައުލަތުގެ ލިޔެކިޔުން ތަކުން މިހާރުވެސް ސާފުކޮށް ފެންނަ އޮތްކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީއަކުން އެމައްސަލަ ބައްލަވައިފިނަމަ އެކަން ހިނގައި ދިޔައީ މައްސަލައިގައި ބުނެފައިވާ ގޮތަށް ނޫންކަން ސާފުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެފައިސާގެ މުއާމާލާތް ހިނގާ ދިޔަގޮތް 2012 އަހަރުގެ އެޓާނީ ޖެނެރަލް އޮފީހުގެ އޮޓިޑް ރިޕޯޓުގައި ސާފުކޮށް  ބަޔާންކޮށްފައިވާކަން މެމްބަރ އުސާމް ފާހަގަކުރެއްވިއެވެ. އޭޖީ އޮފީހުގެ އޮޑިޓް ރިޕޯޓާ ހަވާލާދެއްވައި އުސާމް ވިދާޅުވީ ގްރާންޓް ތޯންޓަން އަށް ދައްކައިފައިވަނީ 4.8 މިލިއަން ޑޮލަރުކަމަށެވެ. 10 މިލިއަން ޑޮލަރުގެ ވާހަކަ އަކީ ވެސް ކިހިނެއް ދެކެވޭ ވާހަކަ ތަކެއްކަން އެނގިވަޑައި ނުގަންނަވާކަމަށެވެ. އެފައިސާއަކީ ވެސް އެއްބަސް ވުމުގެ ދަށުން ކުރީގެ ސަރުކާރުން އެފަރާތްތަކުގެ އިންވޮއިސް ތަކަށް ފައިސާ ނުދައްކާތީ އެއްބަސް ވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ބޭނުންވާތީ، ކުންފުންޏާއެކު ޑރ. ވަހީދުގެ ސަރުކާރުން ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމެއް ގާއިމުކޮށް އޭގެ ދަށުން ދައްކާފައިވާ ފައިސާ ކަމަށެއެވެ.
މީޑިއޭޝަންގައި އެމައްސަލައިގެ ފައިނަލް ރިޕޯޓު ކޮބައިތޯ ސުވާލުކުރުމުން އެކުންފުނިން ބުނެފައި ވަނީ ރިޕޯޓު ނުނިމޭކަމަށް، ކަމަށް ވެސް މެމްބަރު އުޝާމް ވިދާޅުވިއެވެ.  އެމައްސަލައިގައި 2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރަށް ހުށަހެޅި ޕްރެޒެންޓޭޝަންގެ ކޮޕީއެއް ދިނުމަށް އެދުމުން އެސުވާލަށް ކުންފުނިން ޖަވާބެއް ނުދެއްވާ ކަމަށް ވެސް އުޝާމް ފާހަގަ ކުރެއްވިއެވެ. ސެޓްލްމަންޓް އެގްރިމަންޓެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުން، އެ ސެޓްލްމެންޓް އެގްރިމަންޓްގައިވާގޮތުން، ކުންފުނިން ކޮށްފައިވާ މަސައްކަތުގެ ފައިލްތައް ސަރުކާރާ ހިއްސާ ކުރަން ޖެހޭނެކަމަށް ބުނެފައިއޮތުމުން އެތަކެތި  އޭޖީ އޮފީހާ އެކުންފުނިން ހަވާލުކުރިކަމަށް ވެސް އުޝާމް ވިދާޅުވިއެވެ. އަދި އެއީ ކޮރަޕްޝަންގެ މައްސަލަތަކެއް ކަމުން އޭނާގެ ބެލުމުގެ ދަށުންއެތަކެތި އޭސީސީއާ ޙަވާލުކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. އެކަމުގެ ލިޔެކިޔުންތައް އޭޖީ އޮފީހާއި އޭސީސީގައި ވެސް ހުންނާނެކަމަށް މެމްބަރު އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ބެލުމުގެ ދަށުން އެފައިލްތައް ގެންގޮސް އޭސީސީ އާ ހަވާލުކުރީ 2013 ވަނަ އަހަރުގެ ތެރޭގައި. ކޮރަޕްޝަން  މައްސަލަތައް ބެލުމުގެ މެންޑޭޓް އޮތް ފަރާތަކީ އޭސީސީ ކަމަށްވާތީ ހުރިހާ ފައިލްތައް ކަނޑާވެސް ނުލައި ޙަވާލުކުރިކަން ވެސް ލިޔެކިޔުމުން އޭޖީ އޮފީހުގައާއި އޭސީސީގައިވެސް ފެންނަން ހުންނާނެ." މެމްބަރު އުޝާމް ވިދާޅުވިއެވެ.
އެކަންތައްތައް ފޮރުވައިގެން އެއްވެސް ފަރާތަކުން ނޫޅޭ ކަމަށާއި ކަންކަން ހިނގާ ދިޔަ ގޮތް ދައުލަތު އިދާރާތަކުން ފެންނަން އޮންނާނެކަމަށް ވެސް ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވިއެވެ. އެމައްސަލައަކީ ނިމުމެއް އަންނަން ޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައި ގަންނަވާކަމަށް ވެސް ވިދާޅުވިއެވެ. އެސަބަބަށް ޓަކައި ހުށަހަޅައިފައިވާ މައްސަލައިގައިވާ ކަންކަން ކޮމެޓީއަކުން ބެލުމަށް ތާއީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ