އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީގެ ކޮންގްރެސް ބޭއްވުމުގެ ކުރިން އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް އައިޑީޕީގެ ރައީސް އަދި "އިހުތިޖާޖް" ޓީމުގެ އިސް މެމްބަރު އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކޮންގްރެސް އަންނަ އޭޕްރީލްގެ ކުރިން ބާއްވަން ޖެހެ އެވެ. އަދި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތްތައް ޑީއާރުޕީން ކުރަމުންދާ ކަމަށްވެ އެވެ.
އަމިއްލަ ޕާޓީ އުވާލެއްވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ އުމަރު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ޑީއާރުޕީއަށް ސޮއި ނުކުރައްވައި ލަސްވަނީ އައިޑީޕީ އުވާލުމުގެ ކަންތައްތައް އަދި މުޅިން ހަމަނުޖެހޭތީ ކަމަށެވެ.
"ކޮންގްރެސްގެ ކުރިން އަޅުގަނޑު ޑީއާރުޕީ އަށް ސޮއި ކުރާނަން. އެއީ ޔަގީން ކަމެއް. އުމަރު ބުނި އެއްޗެއް އަނބުރައެއް ނުގެންނާނަން. އެކަން ޔަގީންކޮށްދެން،" ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތަށް ފާޅުގައި ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދަވާ އުމަރު ވިދާޅުވި އެވެ.
އުމަރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާއިރު އެ ޕާޓީގެ ނާއިބު ޒައީމް ކަމަށް ވެސް އޭނާ ވާދަކުރައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން އުމަރު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފަހަކަށް އައިސް އުމަރު ގެންދަވަނީ ޑީއާރުޕީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން ސަރުކާރާ އިދިކޮޅު ހަރަކާތް "އިހުތިޖާޖު"ގެ އެކި ބައްދަލުވުންތައް ޑީއާރުޕީއާ ގުޅިގެން މިހާތަނަށް ބާއްވަމުން ގެންދެވި ނަމަވެސް "ކޮންމެވެސް ސަބަބަކާ ހެދި" އެކަން ވަނީ ހުއްޓިފަ އެވެ. އަދި އެންމެ ފަހުން އިހުތިޖާޖުން ބައްދަލުވުން ބާއްވާފައި ވަނީ ޑީއާރުޕީއާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއޭއާ ގުޅިގެންނެވެ.
ޑީއާރުޕީގެ ކޮންގްރެސްގެ ކުރިން އަޅުގަނޑު އެ ޕާޓީ އަށް ސޮއި ކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ